ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުވާންޖެހޭނެކަމަށް މޭޔަރ ވިދާޅުވެއްޖެ

ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުވާންޖެހޭނެކަމަށް މޭޔަރ ވިދާޅުވެއްޖެ

4 ހަފްތާ ކުރިން

ހުޅުމާލޭ މުނިސިޕަލް ޚިދުމަތަކީ މާލޭ ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުވާންޖެހޭނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެ ޚިދުމަތް އަދިވެސް ސިޓީ ކައުންސިލަށް ބަދަލުނުވާކަން ހާމަކުރައްވައި މޭޔަރ ޑރ.މުޢިއްޒު ވިދާޅުވީ އެޗް.ޑީ.ސީ އިން މަސައްކަތްކުރަމުންދަނީ ޗާޓުން ބޭރުންކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލަށް ގާނޫނު ލާޒިމްކުރާ ކަންކަން ހުޅުމާލޭގައި ކުރުމުގެ ފުރުޞަތު ސިޓީ ކައުންސިލަށް ނެތްކަމަށެވެ.

މޭޔަރ ވިދާޅުވީ 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރިފަހުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށްވެސް ދަންނަވާފައިވާކަމަށެވެ. އެކަން އޮންނަންޖެހޭނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައިވާކަމަށެވެ. މި ޚިދުމަތް ބަދަލުކުރަން ދިމާވެފައިވާ އެއް މަސައްލަ ކަމުގައިވާ ބަޖެޓްގެ މައްސަލަ ހައްލުކުރަން ފިނޭންސް މިނިސްޓަރއަށް ހުށަހަޅައި ބައްދަލުކޮށް ދެންނެވުމުން އެކަންކުރެވޭނެކަމަށް ވިދާޅުވެފައިވާކަން ހާމަކުރައްވައި މޭޔަރ ވިދާޅުވީ އެހެންނަމަވެސް އެކަން ވަމުންދާތަން ފެނިވަޑައިނުގަންނަވާކަމަށެވެ. އެހެންނަމަވެސް މިމަސައްކަތް ހުއްޓަވާނުލައްވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ކަންކަންކުރުމުގެ ފުރުޞަތު ނެތުމުގެ ކަންބޮޑުވުން މޭޔަރ ވަނީ ރޭގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަމުގައި ކޮންމެވެސް ގޮތެއް ފައިސިލާ ވާންޖެހޭކަން ހާމަކުރައްވައި މޭޔަރ ވިދާޅުވީ މިކަމުގައި ތިންގޮތަކަށް އަމަލުކުރެވިދާނެކަމަށެވެ. އެއްގޮތަކީ ޤާނޫނު ބަދަލުކުރުމެވެ. އަނެއްގޮތަކީ އިޙްތިޞާސް ބަދަލުކުރުމެވެ. ތިންވަނަ ގޮތަކީ ކުންފުނިތައް ގާނޫނީ އިމުގެތެރެއަށް ވެއްދުންކަމަށެވެ.