ކައުންސިލްތަކާއެކު ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ، އެހީތެރިކަން ހޯއްދެވުމަށް މޭޔަރ ތުރުކީވިލާތައް ވަޑައިގެންފި

ކައުންސިލްތަކާއެކު ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ، އެހީތެރިކަން ހޯއްދެވުމަށް މޭޔަރ ތުރުކީވިލާތައް ވަޑައިގެންފި

3 މަސް ކުރިން

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު  ހެނދުނު ތުރުކީވިލާތަށް ވަޑައިގެންފިއެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރަންވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތުގެ އިސްތަމްބޫލަށެވެ. އިސްތަންބޫލަށް ވަޑއިގެންނެވީ މިއަދު ހެންދުނުއެވެ.

މި ދަތުރުފުޅަށްޓަކައި މި ދިޔަ ހުކުރުދުވަހުރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތަރައްޤީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއްފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުފުޅުގައި 6 ދުވަސް ހޭދަވާނެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މޭޔަރ ވިދާޅުވީ ކުރިއަށްތަނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކުރައްވާނެކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.