ކޮވިޑް – 19 އާއި ގުޅިގެން ރާއްޖޭގެ އުފެއްދުންތައް އިތުރުކުރުމަށް ދަތުރުވެރިންގެ މާރުކޭޓްގެ ޚިދުމަތް ފަށައިފި

ކޮވިޑް – 19 އާއި ގުޅިގެން ރާއްޖޭގެ އުފެއްދުންތައް އިތުރުކުރުމަށް ދަތުރުވެރިންގެ މާރުކޭޓްގެ ޚިދުމަތް ފަށައިފި

4 މަސް ކުރިން

ކޮވިޑް – 19 އާއި ގުޅިގެން ރާއްޖޭގެ އުފެއްދުންތައް އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އަދި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ދަތުރުވެރިންގެ މާރުކޭޓްގެ ޚިދުމަތް ފަށައިފިއެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓްގެ ޚިދުމަތް މެދުކެނޑުމަށް ފަހު އަލުން ޚިދުމަތް މި ފެށުނީ 165 ގޮޅިއާއެކުގައެވެ. ސިޓީ ކައުންސިލުން ހުޅުވާލި ފުރުޞަތަށް އިޖާބަދީ ހުށަހެޅި ފަރާތްތަކުގެތެރެއިން ކެޓަގަރީތަކަށް ކަނޑައެޅި ކަންކަން ފުރުހަމަވެގެންނާއި އަދި ޕޮއިންޓް އެއްވަރުވެގެން ގުރުއަތުން ދިމާވެގެން ގޮޅި ލިބުނު ގިނަ ފަރާތްތަކާ މިހާރު ވަނީ ގޮޅިތައް ހަވާލުކުރެވިފައެވެ.

ކޮވިޑް – 19 ގެ ދުވަސްވަރު މާރުކޭޓް ހުޅުވާއިރު ރޯގާއިން ސަލާމަތްވުމަށް އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް ތަނުގައި ވަނީ އެޅިފައެވެ. އެގޮތުން މީހުން ވަދެ ނިކުތުމަށް ވަކި އަދަދެއްގެ ދޮރުތައް ކަނޑައަޅައި، މާރުކޭޓަށް ވަނުމަށް ވަކިން އަދި ނުކުތުމަށް ވަކިން ދޮރުތަށް ވަނީ ޚާއްޞަ ކުރެވިފައެވެ. ހަމައެއާއެކު މުދާ ވައްދާ ނެރުމަށްވެސް ވަކި ދޮރުތަކެއް ވަނީ ޚާއްޞަކުރެވިފައެވެ. މީގެ އިތުރުން މާރުކޭޓްގެ ގޮޅިތަކުން ވިޔަފާރިކުރުމަށް ތިބޭ މީހުން ތިބެންޖެހޭ ތަންތަން އިޖްތިމާޢީ ގައިދުރުކަން ހިމެނޭގޮތަށް ވަނީ ފާހަގަކުރެވިފައެވެ.

މާރުކޭޓްގެ ގޮޅިތަށް މިފަހަރު ދޫކުރިއިރު ކުރިން ތަނުގައި ވިއްކުން މަނާ ބައެއް ކާބޯތަކެތި މިފަހަރު ވަނީ ވިއްކުން ހުއްދަކޮށްފައެވެ. އަދި ބިދޭސީންނަށް ތަނުގައި ނުތިބެވޭގޮތަށް އުސޫލު ބަދަލުކޮށް، ބިދޭސީން ތިބޭނަމަ ގޮޅި ވަކިކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ގޮޅި ނަގައިގެން ކުއްޔަށް ދިނުންފަދަ ކަންކަން މަނާކޮށް، ގޮޅީގައި ތިބޭ މީހުންނަކީ ސިޓީ ކައުންސިލްގައި ރަޖިސްޓްރީވެގެން ތިބޭ ބައެއްކަމުގައި ވަނީ ހަމަޖައްސާފައެވެ.

މާރުކޭޓްގެ ގޮޅިތަށް ކުރިން ހިންގަމުން އައިގޮތަށް ބަލާއިރު ބައެއް ގޮޅިތަށް ބިދޭސީންގެ ވިޔަފާރީގެ ގޮތުގައި ބިދޭސީން ހިންގަމުން އައިކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަހަރު ގޮޅިތަށް ދޫކޮށްފައިވަނީ މީލާދީ އެއްއަހަރުގެ މުއްދަތަށެވެ.