މާލޭ ސިޓީއަކީ ސާފު ފެހި ތިމާވެއްޓާ ރައްޓެހި  ސިޓީއަކަށް ހެދުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ކައުންސިލުން ނިންމައިފި

މާލޭ ސިޓީއަކީ ސާފު ފެހި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ކައުންސިލުން ނިންމައިފި

2 ހަފްތާ ކުރިން

މާލޭ ސިޓީއަކީ ސާފު ފެހި ތިމާވެއްޓާ ރައްޓެހި  ސިޓީއަކަށް ހެދުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން މިކަން ނިންމީ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާއިންނެވެ.

ސާފު ފެހި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމުގެ ޕްރޮގްރާމްހިންގުމަށް ހަމަޖެހިފައިވަނީ މުޖުތަމަޢުވެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު އެ ފަރާތްތަކުގެ ބައިވެރިވުން އޮވެގެންނެވެ.

މި ޕްރޮގްރާމްގައި މައިގަނޑު 3 ކަމެއް ފާހަގަވެއެވެ. ފުރަތަމަ ކަމަކީ ޕްރޮގްރާމްގެ ދަށުން މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދުުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭ ސިޓީގައި ގަސްއިންދަން ޚާއްޞަ ޕްލޭނެއް ހަދައި މާލޭ ސިޓީގެ އެކި ސަރަޙައްދުގައި އިންދޭނީ ކޮންބާވަތެއްގެ ގަސްތޯ ބަލައި އެބާވަތްތައް ހޯދުން ހިނެނެއެވެ. އަދި ޕްރޮގްާމް ދެމެހެއްޓޭނެ ގޮތްތައްވެސް ވަނީ ހިމަނާފައެވެ

ދެވަނަ އަށް ހިންގާނެ ޕްރޮގްރާމަކީ ” ޕްލާސްޓިކާ ދުރުވަމާ ” ކިޔާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެދަށުން މާލޭ ސިޓީގައި އެކިތަންތަނުގައި ހުރި ޕްލާސްޓިކްތައް ހޮވައި ތިލަފުއްޓަށް ގެންދިއުން ހިމެނެއެވެ. އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ސާފުކުރުމުގެ ދުވަސް ފާހަގަކޮށް، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބާޒާރުކުރުމަށް ފޮތިކޮޅޫ ތައާރަފްކޮށް، ޕްލާސްޓިކާމެދު އޮތް ނުރަނގަޅު އާދަ ބަދަލުކުރުމުގެ މަސައްކަތްކުރުން ހިމެނެއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ހިންގާނީ “ހިތްގައިމު ފަރު” ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭގެ ބޭރުތޮށިގަނޑާއި، ވަށައިގެންވާ ފަރާއި، ފަޅުތެރެ ދެމެހެއްޓެނިވި ގޮތެއްގައި، ބެލެހެއްޓުމުގެ މަސައްކަތް ކްލަބް ޖަމިއްޔާތަކާއި، އެން.ޖީ.އޯ ތަކާއި، ޢާއްމުންގެ ބައިވެރިވުމާއި އެކީ ކުރިއަށް ގެންދާގޮތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ފަޅުތެރެ ސާފުކުރުން ހިމެނެއެވެ. އަދި ފަޅާއި ފަރަށް ޕްލާސްޓިކާއި ކުނިބުނިން ލިބޭ ގެއްލުމާމެދު މީހުން ހޭލުންތެރިކުރުވުމާއި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.