މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރއާއި ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރއާއި ބައްދަލުކުރައްވައިފި

7 ދުވަސް ކުރިން

މާލޭ ސިތީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ގުންގްރެން ޑިސްޓްރިކްޓްގެ މޭޔަރ ބުންޔާމީން ޑެމިރު އާއި ބައްދަލުކުރައްވައިފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 11 ވަނަދުވަހު ހަވޯރުގައި  ބޭއްވުނު މި ބައްދަލުވުން އޮތީ ގުންގޮރެން ޑިސްޓްރިކްޓް ގެ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް މޭޔަރ ބުންޔާމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެތެރެއިން އިސްލާހްކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެކަންކަން ފާހަގަކުރެވުނެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރަންވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތުގެ އިސްތަމްބޫލަށެވެ.

މި ދިޔަ ހުކުރުދުވަހުރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތަރައްޤީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއްފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުފުޅުގައި 6 ދުވަސް ހޭދަވާނެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މޭޔަރ ވިދާޅުވީ ކުރިއަށްއޮތްނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކުރައްވާނެކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.