މާލޭ ސިޓީގެ ގޯތިގެދޮރާބެހޭގޮތުން ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖައްސައިފި

މާލޭ ސިޓީގެ ގޯތިގެދޮރާބެހޭގޮތުން ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖައްސައިފި

1 މަސް ކުރިން

މާލޭ ސިޓީގެ ގޯތިގެދޮރާބެހޭގޮތުން ވާހަކަދެއްކުމަށް ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ހެންވޭރު ރައްޔިތުންނާ މުޚާޠަބްކުރައްވައި މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ ގޯތިގެދޮރާބެހޭގޮތުން ވާހަކަދެއްކުމަށް ރައްޔިތުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަވަން ހަމަޖެއްސެވިކަމަށާއި މި ބައްދަލުވުން މިމަހުގެ 26 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި އޮންނާނެކަމަށެވެ.

މޭޔަރ ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން މިހާތަނަށް އެންމެ ގިނަ މަސައްކަތްކުރެވިފައިވާ އެއްކަމަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހަމަޖެއްސުންކަމަށެވެ. އެހެންނަމަވެސް މި މަސައްކަތްތަކަށް ސަރުކާރުން އެދެވޭގޮތުގައި މިހާތަނަށް އެއްބާރުލުން ލިބިފައިނުވާކަމަށެވެ. ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މަންޒިލެއްކަމުގައި ހެދުމަށް ހުއްޓުމެއްނެތި މަސައްކަތްކުރުމަށް ކައުންސިލްގެ ސްޓްރަޓެޖިކް އެކްޝާން ޕްލޭންގައި ހިމަނައި މިހާތަނަށް ކަމާބެހޭ ފަރާތްތަކަށް މިކަން ހުށަހަޅައި، ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުވުންތަކުގައިވެސް މޭޔަރ ވަނީ މިކަން މިގޮތަށް ހަމަޖެއްސުމަށް ހުށަހަޅުއްވާފައެވެ. މިކަންކަން ބަޔާންކުރައްވައި ސިޓީތަށް ވަނީ ފޮނުވައިފައެވެ.

ސިޓީ ކައުންސިލްގެ ފަރާތުން ބާއްވަމުން ގެންދާ ވަވަށު ބައްދަލުވުންތަކުގައި، ރައްޔިތުން އެންމެ ގިނައިން ހުށަހަޅާފައިވަނީވެސް ބިމާއި ގޯތިގެދޮރުގެ ވާހަކަތަކެވެ. މާލޭ ރައްޔިތުންގެ އެތައް ހައްގެއް މިކަމުގައި ގެއްލިފައިވާކަން ރައްޔިތުންވަނީ ހާމަކޮށްފައެވެ.

ހެންވޭރުގައި މުޅި މާލޭ ސިޓީއަށް ހުޅުވާލައިގެން ގެދޮރުގެ ވާހަކަދެއްކުމަށް ބާއްވާ ބައްދަލުވުމުގައި ގެދޮރުގެ މައްސަލާގައި ދިމާވެފައިވާ ދަތިގޮތްތައް ހާމަކޮށް ޝުޢޫރުތައް ފާޅުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.