މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވައިފި

މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވައިފި

1 އަހަރު ކުރިން

17 ފެބްރުވަރީ 2020

މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ފައްޓަވާދެއްވައިފިއެވެ.

2020 ވަނަ އަހަރުގެ ފެބްރުވަރީމަހުގެ 17 ވަނަ ދުވަހު ހަވީރު މާލޭ ވެސްޓް ޕާކް ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވަމުން ރައީސް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ ވަޢުދެއްކަމަށެވެ. ގޯތިގެދޮރާ ، ޓްރެފިކް މައްސަލަ ބޮޑުކަމަށެވެ. އަދި މަގުތަށް މިވަގުތުވަނީ ހިނގާބިނގާވެއުޅުމަށް ރައްކާތެރި ހާލަތެއްގައި ނޫންކަން ފާހަގަކުރައްވައި ވިދާޅުވީ މިކަން މިހެން ދިމާވީ ރަނގަޅު ޕްލޭނެއް ނެތި ދިގު މުއްދަތެއްގައި މާލޭގެ ކަންތައްތައް އިންތިޒާމްކުރަމުން ގެންދިއުމުގެ ސަބަބުންކަމަށެވެ. މިއަދު މިފަށަނީ މިކަންކަމަށް ހައްލު ހޯދާދިނުމުގެ އެއް މަސައްކަތްކަމަށް ވިދާޅުވެ ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސިޓީ ކައުންސިލަށް ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޞިފާ މުހައްމަދު ވިދާޅުވީ މި މަޝްރޫޢުގެ ކަޅާއިހުދުގެ ހުވަފެން ކުލަ ކަރުދާހަށް ބަދަލުވެ، އުދަލި ޖަހާ ހިސާބަށް މިއައީ މާލޭ ސިޓީއަށް ނިސްބަތްވާ އެންމެހާ މަޖްލިސް މެމްބަރުންނާ، މާލޭ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންގެ ކަންފަތް ދޮށުގައި ރައްޔިތުން ދެއްކިވާހަކަތަކާއި، އެވާހަކަތަކުގައި ހިމެނުނު އިޙްސާސްތައް ދެނެގަނެ ހައްލު ގެނައުމަށް އެ ރައްޔިތުން ބުނެދިން ގޮތްތައް ހިމަނައިގެންކަމަށެވެ. މަޝްރޫޢުގެ ސަބަބުން މަގުތަކަށް ދާއިމީ ހައްލެއް އަންނާނެކަން ބަޔާންކުރައްވައި މިވަގުތު ގާ އަތުރައިގެން ހެދިކަމުގައި ވިއަސް ފަހުން ތާރުއަޅާނެކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ މޫސާ ޢަލިމަނިކު ވިދާޅުވީ މާލޭގައި މަގުތަކަށް ދިމާވާނެ ހުރިހާ މައްސަލަތަކެއް އޮތުމާއެކު މި މަޝްރުޢުގެ ސަބަބުން އެހެން ރަށްރަށުގެ މަގުތަށް ހަދާއިރު ދިމާވެދާނެ މައްސަލަތަށް ދެނެގަންނަން ފަސޭހަވެގެންދާނެކަމަށެވެ. އަދި މިސަރަޙައްދުގައި މަސައްކަތްކުރުމުގެ ސަބަބުން ރައްޔިތުންނަށް ތުރާ ނުޖެހި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެނގިގެން ދާނެކަމަށެވެ.

ދިވެހި ސަރުކާރުން ޚަރަދުކުރައްވައިގެން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހިންގާ މާލޭ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ފަސޭހަކަމާއެކު އުޅެވޭނެ ރައްކާތެރި މަގުތަކަށް ހެދުމާއި، ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދާދިނުމާއި، މަގުތަށް ފެންބޮޑުވުން ހުއްޓުވައި އަބަދު ކޮނެފަ އޮންނަ އޮތުމަށް ނިމުމެއް ގެނައުމާއި، ހުރިހާ މަގެއްގައިވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅޭފަދަ ޕޭވްމަންޓެއް ޤާއިމްވެފައި އޮތުމާއި، ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮއް މަގުތަކުގެ ތޮއްޖެހުން ހުއްޓުވައި، މަގުތަކުގައި ޕާކިންގްގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް ޕާކިންގް ބިލްޑިންގްތައް ޤާއިމްކޮށް، މުދާ ބޭލުމާއި އެރުވުމުގައި މަގުތައް ބޭނުންކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުމުގެ ބޭނުމުގައި ހިންގާ މަޝްރޫޢުއެކެވެ.

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މި މަޝްރޫޢުއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. މަޝްރޫޢުގެ ދަށުން 5 ވައްތަރެއްގެ މަގުތައް ތަރައްޤީކުރާއިރު ޖުމްލަ 18.08 ކިލޯމީޓަރގެ މަގު މާލޭގެ އެކި ސަރަޙައްދުތަކުން ހެދޭނެއެވެ.

މިހާރު ފެށިގެން މިދަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓެވެ. މި ސެގްމެންޓްގެ ދަށުން  1.94 ކިލޯމީޓަރގެ މަގުހެދުމަށްވަނީ ހަމަޖެހިފައެވެ. އެއީ މި ސަރަޙައްދުގެ 8 މަގެކެވެ. އަދި މި ސެގްމެންޓްގެ މަސައްކަތަށް 50 މިލިއަން ރުފިޔާއަށްވުރެ މަތީ ޢަދަދެއް ހޭދަވާނެއެވެ.

މަގުތަކަށް ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލުގެނައުމާއި، އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި، އެކި އެކި ބޭނުންތަކަށް މަގު ކޮންނަކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ހަމަޖެއްސޭގޮތަށް ވަނީ ފަރުމާކުރެވިފައެވެ. ހަމައެއާއެކު އަލިފާންނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓްތަކާއި، މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި، އަދި ކެމެރާ ސިސްޓަމް ހަރުކުރުންވެސް މަޝްރޫޢުގައި ހިމެނެއެވެ.