ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ބައްދަލުވުން ބާއްވައިފި

ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ބައްދަލުވުން ބާއްވައިފި

1 މަސް ކުރިން

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ. މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުން އޮތީ ތާޖުއްދީން ސްކޫލުގެ ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަކޮށް މާފަންނަށް ހުރި މަޝްރޫޢުތައް ހާމަކުރެއްވިއެވެ. އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލާއި، ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ޚިޔާލާއި، ކުރީގެ ރެންޓާލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް ރެސްޓޯރެންޓަކާއެކު އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްޤީކުރުމުގެ ޚިޔާލާއި، އެހެން ބައެއް ބިންތަކުގައި ގާޑން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާޢި ބޭނުން ހިފޭ ތަންތަން ތަރައްޤީކުރުމާއި، މަލްޓި ލޭޔަރ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ.

މާފަންނުގެ  ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން މާފަންނު  މެދު ދާއިރާގެ ކައުންސިލަރ އަދި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ހެންވޭރު ބައްދަލުވުމެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ކަލާފާނު ސްކޫލުގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 21 ވަނަ ދުވަހުގެރޭ 8:30 ގައި ރެހެންދި ސްކޫލުގައެވެ.  އަދި މީގެ އިތުރުން 20 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދލުވުމެއް އެރޭ 8:30 އޮންނާނެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.