ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ހެންވޭރު ބައްދަލުވުން ބާއްވައިފި

ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ހެންވޭރު ބައްދަލުވުން ބާއްވައިފި

1 މަސް ކުރިން

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ ހެންވޭރު ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ. މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުން އޮތީ ކަލާފާނު ސްކޫލުގެ ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަކޮށް ހެންވޭރަށް ހުރި މަޝްރޫޢުތައް ހާމަކުރެއްވިއެވެ. ދަރުބާރުގޭ ގޯތީގެ އިރުން ހުސްކޮށް އޮތް ބައިގައި ޒަމާނީ ފަރުމާއެއްގައި ގާޑިޔާ ވިޔަފާރިތަކާއެކު ކުޑަކުދިން ކުޅޭ ސަރަޙައްދަކާ އިށީދެލައިގެން ތިބެވޭފަދަ ގޮތަކަށް ތަރައްޤީކުރުމާ، ބުރިބުރިއަށް ނަގާފައިވާ ޕާކިންގް ބިލްޑިންގްއެއް ހެންވޭރުގައި ތަރައްޤީކުރުމާ، ވިޔަފާރިއާއި އިޖްތިމާޢީ ބޭނުންތަކަށް ބޭނުންކުރެވެފަދަ ސަރަޙައްދުތައް ތަރައްޤީކުރުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ. މޭޔަރ ވިދާޅުވީ މިއީ ޚިޔާލެއްކަމަށާ މިކަމަށް ގޮތް ނިންމާނީ ރައްޔިތުންކަމަށެވެ.

ހެންވޭރުގެ  ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން ހެންވޭރު  ހުޅަނގު ދާއިރާގެ ކައުންސިލަރ އަޙުމަދު އައިފާން މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.

ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކުގެތެރެއިން ދެން ނުނިމި އޮތީ ހުޅުމާލޭ ބައްދަލުވުން އެކަންޏެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 21 ވަނަ ދުވަހުގެރޭ 8:30 ގައި ރެހެންދި ސްކޫލުގައެވެ.  އަދި މީގެ އިތުރުން 20 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް އެރޭ 8:30 އޮންނާނެއެވެ. މިބައްދަލުވުމަކީ ގޯތިގެދޮރާބެހޭ ކަންކަމަށް ޚާއްޞަކުރެވިފައިވާ ބައްދަލުވުމެކެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.