ލޮނުޒިޔާރަތް ޕާކް ހުޅުވިއްޖެ

ލޮނުޒިޔާރަތް ޕާކް ހުޅުވިއްޖެ

7 މަސް ކުރިން

މާލޭ ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި ” ލޮނުޒިޔާރަތް ޕާކް ” މި އަދު ހުޅުވިއްޖެއެވެ.

ޕާކް ހުޅުއްވައިދެއްވުމުގެ ގޮތުން، ޕާކްގެ ނަންބޯޑުގެ މަތީގައި އޮތް މާބޮނޑި ނަންގަވައިދެއްވީ ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ޢުމަރު ޒާހިރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެން މުޚާޠަބްކުރެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ އެއްތައް މަޝްރޫއުއެއް ކުރިއަށް އޮތް އަހަރުގައި ފެންނިގެންދާނެކަމަށެވެ. އަދި މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި މިހާރުވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައި. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު ޢިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުންކަމަށެވެ. އަދި، މި އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި، އެންމެ އިސްކަންދީގެން ކުރާނެ އެއްކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ ޢަމަލީބައި ކުރިއަށް ގެންދިޔުންކަމަށާއި، އިރާދަކުރެއްވިއްޔާ، އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވުމުން މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު ވިދާޅުވީ މި ޕާކް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރެއްގެ މީހުންނަށާއި އަދި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭ ގޮތައްކަމަށެވެ. މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެއްކަމަށާއި މި ވަޢުދު ފުއްދުމަށް މާކޭ ސިޓީ ކައުންސިލާ ޙަވާލުކުރެއްވީތީ ޝުކުރުދަންނަވާކަމަށެވެ. މި ޕާކްގެ ސަބަބުން ސިޓީ ކައުންސިލައް އެތައް ތަޖުރިބާތަކެއް ލިބިއްޖެކަން ފާހަގަކުރައްވައި މާލޭގެ އެހެން ޕާކުތައް ދެން ބަލަހައްޓާނީ މިތަނުގެ ދަށުންކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން ހުރިހާ ޕާކްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން މި ޕާކުންލިބިގެންދާނެކަމަށްވިދާޅުވިއެވެ.

ޕާކްގެ ސަބަބުން އެތައް ބައިވަރު ދިވެހިންނަށް ވަޒީފާ ލިބިގެންދިޔަކަމަށާއި އަދި ގަސްހައްދާ އިންދުމުގެ މަސައްކަތް ދަސްވެގެން ދިޔަކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތާންގައި ސިޓީ ކައުންސިލްގެ ވަޒީފާތަކަކީ ދިވެހީންގެ ވަޒީފާތަކަކަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ މިތަނުގައި ހުރި ކޮންކްރިތްތައް ނަގައި ފުރަތަމަ ގަހެއްޖަހައި އެތައް ދުވަހަކު އެއިން ކުރިފަޅާތޯ ބަލަންޖެހުނުކަމަށެވެ. އަދި ޕާކް ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެތަންމިތަނުން ގަސްތައް ގެނެވިފައިވާނޭކަމަށް ވިދާޅުވުވިއެވެ. އަދި ފުރަތަމަ މަސައްކަތް ފެށިއިރު ކައުންސިލްގެ ޓީމަށް ބަގީޗާ ހެއްދުމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށާއި ނަމަވެސް މިހާރު އެކަން ދަސްވެފައިވާކަމަށް ވިދާޅުވުވިއެވެ. އަދި ޕާކް ފަރުމާކޮށް ތަރައްޤީކޮށް ދިމާވާ މައްސަލަތކުގައި ހައްލުނެރެދެއްވި މިހާރުގެ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމްއަށް ޝުކުރުއަދާކުރެއްވިއެވެ.

ލޮނުޒިޔާރަތް ޕާކަކީ ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކުރައްވައިގެން ތަރައްޤީކުރި ޕާކެކެވެ. މި ޕާކް ހެދުމުގެ މަސައްކަތް ފެށުނީ 17 ފެބްރުވަރީ 2019 ވަނަ އަހަރުއެވެ. މިތަން ފެހިކުރުމުގެ ގޮތުން ގާތްގަނޑަކަށް 500 ވައްތަރުގެ ގަސް އިންދިފައިވެއެވެ. ޕާކްގައި ދުވާމީހުންގެ ޓްރެކްތައް ހެދިފައިވެއެވެ. މީގެ އިތުރުން ޕާކްގެ މާމެލާމެލި ސަރަޙައްދަކީ ކައިވެނި ހަފުލާތަކަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ. ޕާކްގެ ތަންތަނުގެ ނަންތަކުގެތެރޭގައި ހޭޅި، މާމެލާމެލި، މެދު ބަގީޗާ، ކަސްރަތުފެހި، ފާލަން އައްސޭރި، ވަރުނުލާ ރާޅު، އުސް ބަގީޗާ، ފެންއާރު ހިމެނެއެވެ.

ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދު އާއި އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙުމަދު މުޢުތަސިމް އަދުނާން އާއި ނާއިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބައެއް ވަޒީރުންނާއި މާލޭ ސިތިގެ މަޖްލިސް މެމްބަރުން ބައިވެރިވެޑައިގެންނެވިއެވެ.

ލޮނުޒިޔާރަތް ޕާކްގެ މަސައްކަތުގައި އެތައް ފަރާތްތަކުން އެކިއެކި އެހީތަށް ދީފައިވެއެވެ. އެގޮތުން ދެއްވީ ތަކެތީގެ އެހީއެވެ. މީގެ އިތުރުން ދަރުމަވެރިންނާއި ގަސްއިންދުމަށް ލޯބިކުރާ ފަރާތްތަކުންނާއި ސަރަޙައްދުގެ ހެޔޮއެދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮއްދިނެވެ. އަދި ސަރުކާރުގެ ބައެއް މުވައްސަސާތަކާއި، ދައުލަތުގެ ބައެއް ކުންފުނިތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.

ބަގީޗާ ފަރުމާއަކަށް ތައްޔާރުކުރެވުނު މި ޕާކް މިދުވަސްވަރު ހުޅުވިފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.