ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ހަފްލާއެއް ބާއްވައިފި

ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ހަފްލާއެއް ބާއްވައިފި

1 މަސް ކުރިން

ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުރި ހިތްވަރު ފާހަގަކޮށް ޓީމަށް ހިތްވަރު ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހަފްލާއެއް ބާއްވައިފިއެވެ. ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައި މިރޭ ބޭއްވި މި ހަފްލާއަކީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ހަފްލާއެކެވެ.

މި ހަފުލާގައި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު އާއި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް އާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގައުމީ ޓީމާއި އޮފިޝަލުންގެ އިތުރުން އެފް.އޭ.އެމް.ގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމީ ޓީމްގެ ފަރާތުން ފެނިގެން ދިޔައީ ގައުމަށްޓަކާ އެންމެ ފަހު ސިކުންތަށް ދާންދެން ހިތްވަރާއެކު މަސައްކަތްކުރިތަންކަމަށެވެ. މިއީ ގައުމަށްޓަކާ ކުރި ފަޚުރުވެރި މަސައްކަތެއްކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކުގައި ކާމީޔާބީ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ ވިދާޅުވީ ގައުމީ ޓީމަށް އެންމެ ފުރިހަމަ ކާމިޔާބީ ނުލިބުނު މިދަނޑިވަޅުގައި މާލޭ ސިޓީގެ މޭޔަރ އިސްނަންގަވައިގެން މި ފަދަ ހަފްލާއެއް ބޭއްވުމުން ސަޕޯޓަރުންގެ ހެޔޮއެދުން އޮތްކަން ހާމަވެގެންދާކަމަށެވެ. އަދި މިއީ މިކަން އޮންނަންވާނެ ގޮތްކަމުގައި ވިދާޅުވިއެވެ. އެފް.އޭ.އެމް.ގެ ސީނިއަރ ނައިބް ރައީސް ޢަލީ އުމަރު ވިދާޅުވީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރި މަސައްކަތް އުފަލާއެކު ބަލައިގަންނަކަމަށެވެ. ތައްޔާރުވުމުގެ މަސައްކަތްތައް ނިންމުމުގައި މާލޭ ސިޓީ ކައުންސިލްގެ ދައުރު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ. ގައުމީ ޓީމްގެ މެނޭޖަރ ޢަބްދުﷲ ޝިބާޢު ވިދާޅުވީ ގައުމީ ޓީމަށްޓަކައި މިފަދަ ހަފްލާއެއް އިންތިޒާމްކުރީތީ ޝުކުރު ދަންނަވާކަމަށެވެ. އަދި މިފަހަރުގެ މުބާރާތަށް މާލޭ ސިޓީ ކައުންސިލުން ވެދިން އެހީތެރިކަން ފާހަގަކުރާކަމަށެވެ.