މާާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

މާާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ތުރުކީވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

1 މަސް ކުރިން

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ތުރުކީވިލާތަށް ވަޑައިގެން ތުރުކީވިލާތުގެ 6 ސިޓީއެއްގެ މޭޔަރުންނާ ބައްދަލުކުރެއްވިއެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ގުންގޮރެން ސިޓީގެ މޭޔަރ ބުންޔާމީން ޑެމިރ އާއި ކޮންޔާ މެޓްރޮޕޮލިޝަން މުނިސިޕަލް މޭޔަރ އުގޫރު އިބްރާހީމް އަލްޓޭ އާއި އަލްޓިންޑަގް ސިޓީގެ މޭޔަރ އާސިމް ބަލްސީއާއި ކޮޗާލީ ސިޓީގެ މެޓްރޮޕޮލިޝަން މުނިސިޕަލްޓީގެ މޭޔަރ ޠާހިރު ބުޔުކާކިންގް އާއި ކޮޗާލީގެ މޭޔަރ އިބްރާހީމް ކަރޮސްމަނަގުލި އާއި ބަސިސްކެލޭ ސިޓީގެ މޭޔަރ ޔާސީން އޮޒުލް އެވެ.  މީގެ އިތުރުން ތުރުކީވިލާތުގެ ލާމަރުކަޒީ ނިޒާމް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކާ، ތިމާވެއްޓާ ބެހޭ ކަންކަން ބަލަހައްޓާ ފަރާތްތަކާ އަދި ބައެއް މަޖްލިސް މެމްބަރުންނާ، ރާއްޖޭއާއި ތުރުކީވިލާތުގެ ޤާނޫނޫ ހަދާ މަޖްލިސްގެ ދިވެހިރާއްޖޭގެ ގުޅުމާބެހޭ ބައި ބަލަހައްޓަވާ މަޖްލިސްމެމްބަރ އިއްފަތު ޕޮލަޓް އާއިވެސް ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ދެފަރާތް ގުޅިގެން އެއްބާރުން ދެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. ދެފަރާތުން ތަޖުރިބާ ހިއްސާކުރުމާއި ޓެކްނިކަލް އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކައުންސިލްތައް ހިންގުމުގައި ދެފަރާތަށް ދިމާވެފައިވާ މައްސަލަތަކާ އޭގެ ހައްލާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްޞަ ގޮތެއްގައި މާލޭ ސިޓީގެ ކުނި މެނޭޖްކުރުމާބެހޭގޮތުން ހުރި ގޮންޖެހުންތަކާ މިހާރު ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ފަންނީ ހުނަރުތައް އިތުރުކުރުމާއި ތަޖުރިބާތަށް ބަދަލުކުރުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެއިތުރުން ތުރުކީވިލާތުގެ ކައުންސިލްތަކުން ކުރަމުންދާ ބައެއް މަސައްކަތްތަކާއި އާޘާރުތައް ބައްލަވާލެއްވިއެވެ. އެގޮތުން ކައުންސިލުން ބަލަހައްޓާ ބައެއް ޕާކްތަކާއި އެތަންތަނުގެ ދިރުންތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ، ވިޔަފާރި މޮޑެލްއަށް ކައުންސިލުން ތައްޔާރުކޮށްފައިވާ ބައެއް ތަންތަނާ އެތަންތަނުގެ މަސައްކަތް ހިނގަމުންދާގޮތުގެ މައުލޫމަތު ހޯއްދެވިއެވެ. އަދި ބައެއް ލައިބްރަރީތަކަށާއި ޘާޤާފީ ތަރިކައާބެހޭ ތަންތަނަށާއ ސައިންސާއި ޓެކްނޮލޮޖީގެ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވިއެވެ.

މިދަތުރުފުޅަށްޓަކައި މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު މާލެއިން ފުރާވަޑާއިގަތީ މި އޮކްޓޫބަރ މަހުގެ 10 ވަނަ ދުވަހުގެރޭގައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންނެވީ މި ސެޕްޓެމްބަރ މަހުގެ 17 ވަނަދުވަހުއެވެ.