މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ އިދާރާ28 އޭޕްރިލް 2022


ޢީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފި

ފިތުރު ޢީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ އާންމު ރަސްމީ ޖަލްސާގައެވެ.

ފައިމަގުގައި އުޅޭ ގަޑިއެއް ކަނޑައެޅުމަށް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ އެވެ. އޭނާ ހުށަހެޅުއްވީ ޢީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހެދުމަށެވެ.

ފައިމަގުގައި އުޅޭނެ ގަޑިއެއް ކަނޑައެޅުމަށް ހުށައެޅުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާއިރު އެކަން ކުރާނީ ކޮންކޮން ތަންތަނެއްގައިތޯ ނިންމެވުން މުހިންމު ކަމަށެވެ. މީގެ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތަށް މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ބަހުސް ކުރެއްވުމަށްފަހު ނިންމާފައިވަނީ، ޢީދު ދުވަހު 16:00 އިން 20:00 އަށް ހުޅުމާލެ ނުހިމެނޭގޮތަށް، ހަމައެކަނި މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމަށެވެ.