މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 51 ވަނަ ޖަލްސާގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ11 މެއި 2022


ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ފިނޭންސަށް ފޮނުވަނީ

މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން ފިނޭންސް މިނިސްޓްރީގައި އެދުމަށް އެ ކައުންސިލަށް ހުށަހަޅައިފިއެވެ.

މި މިކަން މިގޮތަށް ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 51ވަނަ އާންމު ޖަލްސާގައެވެ.

މުސާރަ ބޮޑުކޮށްދޭން އެދި ނަރީޝް ހުށަހަޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ ޢަލީ އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދް ނަރީޝް ވިދާޅުވީ ސަރުކާރުގެ އެހެން މުވައްސަސާތަކުގެ މުސާރަ ވެސް ބޮޑު ކުރަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލް މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކޮށްދޭން ޖެހޭ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނާއި ގުޅުންހުރި އެކިއެކި މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަ ބައެއްކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.

ނަރީޝް ވިދާޅުވީ ދިވެހިރާއްޖޭގެ ތިން ބައި ކުޅަ ދެ ބަޔަށް ހިދުމަތް ދެނީ މާލެ ސިޓީ ކައުންސިލްގެ މި މުވައްޒަފުންކަމަށާއި އެހެންކަމުން މުވައްޒަފުން މި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދެވެން ވާނެކަމަށެވެ.

ނަރީޝް ވަނީ ސަރުކާރުން މާލެ ސިޓީ ކައުންސިލާއި މެދު ކަންތަށް ކުރަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ކައުންސިލްގެ މަސައްކަތަށް ބޭނުންވާ އެތަކެއް މުވައްޒަފުންނެއް ސަރުކާރުގެ ހުއްދަ ނުލިބުމުގެ ސަބަބުން ނުނެގި ވާކަމުގައި ނަރީޝް ވިދާޅުވިއެވެ. ސިޓީ ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭ ސަބަބަކީ ވެސް މުވައްޒަފުންގެ ދަތިތައް ކަމަށް ނަރީޝް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ 51 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރާވާ ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށްވެސް ފާސްކޮށްފައެވެ.