މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ18 މެއި 2022


މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ނުދާ ސަބަބު މޭޔަރު މުޢިއްޒު ހާމަކުރައްވައިފި

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ނުދާ ސަބަބު މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

އަންގާރަ ދުވަހުގެރޭ ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައިވާ ހިތްފަސޭހަ މަގުމަތި އަމާޒު ހާސިލް ކުރުމަށްޓަކައި މާލޭގެ މަގުތައް ހަދާ ރަނގަޅު ފެންވަރެއްގަ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫޢު ކުރިއަށް ނުދާ ކަމަށާއި، މަޝްރޫޢު އޮތީ ސަރުކާރުން ހުއްޓުވާފައި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އެ މަޝްރޫޢުއަކީ ސަރުކާރުން ބަޖެޓް ދެއްވާފައިވާ މަޝްރޫޢުއެއް ނަމަވެސް މިދިޔަ ނޮމެވްބަރު މަހުން ފެށިގެން މަގުހެދުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް މިއަދާ ހަމަޔަށް އައިއިރުވެސް ނުހިނގާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސެޕްގައި އޮތްގޮތުން ހިތްފަސޭހަ މަގުމަތި އެ އަމާޒު ހާސިލް ކުރުމުގަ ކަނޑަ އަޅާފަ އޮންނާނީ މާލޭގެ މަގުތައް ހަދާ ރަނގަޅު ފެންވަރެއްގަ މަޝްރޫޢުއެއް ކުރިއަށް ގެންދާނެ ކަމަށް. ދެން ކުރީގެ ފެށިފައި އޮތް މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފަ އޮންނާނީ. އެ މަޝްރޫޢު އަކީ ސަރުކާރުން ބަޖެޓްވެސް ހަމަޖައްސާފަ އޮތް މަޝްރޫޢުއެއް. އެހެން ނަމަވެސް އެ މަޝްރޫޢު މިއޮތީ ހުއްޓުވާފަ ނުހިނގާ

މިދިޔަ ނޮމެވްބަރު މަހުން މިއަދާ ހަމަޔަށް އައި އިރުގަވެސް މަގުހެދުމުގެ މަސައްކަތް ހުއްޓުވާފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ ބޭރުފުށުން ބަލާއިރު ފެންނަން އޮތީ ކައުންސިލްގެ ނާކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި، ފެންނަން އޮތީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދާކަން ކަމަށެވެ. އެހެން ނަމަވެސް ކަމުގެ ޙަޤީޤަތަކީ މިކަމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދެއްވާފައި ނުވުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

ބޭރުފުށުން ބަލާއިރުގަ ފެންނާނީ އަޅުގަނޑުމެންގެ ސެޕްގައި ހިމެނިފަވާ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ނުދާކަން. އެއީ ސިޓީ ކައުންސިލްގެ ފެއިލިއަރ އެއްގެ ގޮތުގައި ނުވަތަ ކަމެއް ނުކުރެވުނީ ކަމަށް ބުނުމުގެ ޖާގަ އެބައޮތޭ. އެހެން ނަމަވެސް އޭގެ ޙަޤީޤަތަށް ބަލާއިރުގަ މިއޮތީ އެހެން ގޮތަކަށް ކަންކަން ވެފަ. އެއަށް ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ތެރެއިން އޮތީ ނުދެއްވާ ހިފަހައްޓާފަ

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެގިނައިން ޝަކުވާ އަންނަމުންދާ އެއް މައްސަލަ ކަމަށްވާ އަމީނީމަގު ހެދުމުގެ މަޝްރޫޢު އާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢު ނުހުއްޓުވި ނަމަ އަމީނީމަގު އޮންނާނީ ފަސް މަހުގެ ތެރޭގައި ތާރު އަޅާ ނިމިފައި ކަމަށެވެ.

މަގު ހެދުމުގެ މަޝްރޫޢު ނުހުއްޓުވި ނަމަ އަމީނީމަގު އޮންނާނީ ފަސް މަހުގެ ތެރޭގައި ތާރު އަޅާ ނިމިފަ

އެހެން ނަމަވެސް މިކަމުގައި ދަތިތަކެއް ދިމާވަނީ ސަރުކާރުން ދެއްވޭނެ އެއްބާރުލެއްވުން ނުދެއްވުމުގެ ސަބަބުން ކަމުގައި މޭޔަރު ތަކުރާރު ކުރެއްވިއެވެ.

މި ދައުރަށް އެއް އަހަރު ވީއިރު ހުރި ގޮންޖެހުންތަކާއި،ކުރިމަތި ކުރުވާފަހުރި ބައެއް ދަތިތަކަށް ބަލާއިރުގައި ނިސްބަތުން ގިނަ ކަންކަން ވަނީ ހާސިލްކުރެވިފައި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ކަންކަން ހާސިލް ނުވާކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ކުރެވުނު ގިނަ ކަންތައްތަކެއް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕްލޭންގައި އޮތް ކަންކަމަށް ބަލާއިރުގަ އެބަހުރި މުހިންމު ގިނަ ކަންތައްތަކެއް އަދި ހާސިލް ނުކުރެވި

މީގެ އިތުރުން ސަރުކާރުން ހިފަހައްޓަވާފައިވާ ބައެއް ކަންކަމަށް މޭޔަރު ވަނީ އަލި އަޅުއްވާލައްވާފައެވެ.

އެގޮތުން މަގު ހެދުމުގެ މަޝްރޫޢު ހުއްޓުވުމާއި، ލާމަރުކަޒީ ޤާނޫނުގައި ވާފަދައިން ކުންފުނި އުފެއްދުމުގެ ހުއްދަ ނުދެއްވުމުގެ އިތުރުން، ކައުންސިލަށް މުވައްޒަފުން ނެގުމަށް ހުރަސް އެޅުމާއި، އަދި ޤާނޫނީގޮތުން ކައުންސިލަށް ލިބިދޭންޖެހޭ އެތައް ފައިސާވެސް ލިބިފައި ނުވާކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ފާއިތުވި ދުވަސްތަކުގައި ކައުންސިލްގެ ހީވާގި މުވައްޒަފުންނާއި ކައުންސިލްގެ މުޅި ޓީމާއި މާލެ ސިތީގެ ރައްޔިތުންގެ އެއްބާރު ލެއްވުމާއިއެކު ގިނަ ކަންކަން ހާސިލް ކުރެވިފައިވާކަމަށް މޭޔަރު ފާހަގަކުރެއްވެވިއެވެ.