މޭޔަރު މުޢިއްޒު "މަދިރި ހޯހޯ" ކެމްޕޭނު އިފްތިތާޙް ކޮށްދެއްވަނީ.

މާލެ ސިޓީ ކައުންސިލް އިދާރާ21 މެއި 2022


ކުނިކޮތަޅުތައް މަގުމަތީގައި ބެހެއްޓުމުން "ޗާލު މާލެ ސިޓީ" އަމާޒު ހާސިލެއްނުވާނެ: މޭޔަރު މުޢިއްޒު

ކޮންމެ މީހަކު ކުނިކޮތަޅުތައް މަގުމަތީގައި ބަހައްޓާނަމަ މާލެ ސިޓީގެ ހަތަރުވަނަ ދައުރަށް އެކުލަވާލެވިފައިވާ ސްޓްރްޓެޖިކް އެކްޝަން ޕްލޭންގައިވާ 7 އަމާޒުގެ ތެރެއިން "ޗާލު މާލެ ސިޓީ" އަމާޒު ހާސިލް ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" އިފްތިތާޙް ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މޭޔަރު ވިދާޅުވީ "ޗާލު މާލެ ސިޓީ" އަމާޒު ހާސިލް ކުރެވޭނީ އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ޚާއްސަކޮށް ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސާފުތާހިރުކޮށް މާލެ ސިޓީ ބޭއްވޭނީ އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު މުޢިއްޒު "މަދިރި ހޯހޯ" ކެމްޕޭނު އިފްތިތާޙް ކޮށްދެއްވަނީ.

މާލެ ތެރޭގެ އެކި ސަރަޙައްދުތަކުގައި ކުނި ގިނަވާ މައްސަލައަށް އިޝާރާތް ކުރައްވަމުން މޭޔަރު ވިދާޅުވީ ކޮންމެ މީހަކުވެސް ކުނިކޮތަޅު މަގުމަތީގައި ބެހެއްޓުމުން ހާސިލް ކުރަން ބޭނުންވާ އަމާޒު ހާސިލް ނުވާނެ ކަމަށެވެ. އަދި ވެމްކޯގެ އަގު ބޮޑު ވީމައި ކުނިކޮތަޅު މަގުމަތީގައި ބެހެއްޓުމުންވެސް އެކަން ހާސިލް ނުވާނެ ކަމަށާއި މި މައްސަލަތައް ހައްލުވާނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެންކަމަށް މޭޔަރު ވިދާޅުވިއެވެ.

ކޮންމެ މީހަކު ކުނިކޮތަޅު މަގުމަތީގައި ބެހެއްޓީމަ އެކަމުން ކަމެއް ހާސިލެއް ނުވޭ. ވެމްކޯގެ އަގު ބޮޑުވީމަ ކުނިތައް މަގުމައްޗަށް އުކާލީމަ މިކަން ހައްލެއް ނުވާނެ. މައްސަލަ ހައްލުވާނީ ކޮންމެ މީހަކުވެސް ޒިންމާ ނެގީމަ

މޭޔަރު އިތުރަށް ވިދާޅުވީ "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލް ވުމަކީ އެންމެން ގުޅިގެން ކޮންމެ ދުވަހަކު ޒިންމާ އަދާކޮށްގެން މެނުވީ ހާސިލް ނުވާވަރުގެ ބޮޑު ކަމެއް ކަމަށެވެ.