މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ24 މެއި 2022


ސަރުކާރުގެ އެބާރުލުން ލިބިގެން ނޫނީ ކައުންސިލްތަކެއް ނުހިނގާނެ: މޭޔަރު މުޢިއްޒު

ސަރުކާރުގެ އެބާރުލުން ލިބިގެން ނޫނީ ކައުންސިލްތައް ނުހިނގާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މޭޔަރު ވިދާޅުވީ ވޭތުވެ ދިޔަ އެއް އަހަރު ދުވަހަކީ މާލެ ސިޓީ ކައުންސިލަށް ތަފާތު ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެގެން ދިޔަ އެއް އަހަރުކަމަށެވެ.

ސަރުކާރުގެ އެއްބާރުލުން ލިބިގެން ނޫނީ ކައުންސިލްތަކެއް ނުހިނގާނެ

މޭޔަރު ވިދާޅުވީ ފާއިތުވި އެއްއަހަރު ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ އެކިކަހަލަ ނަތީޖާތައް ނެރެދީފައިކަމަށާއި،ކައުންސިލުން މަސައްކަތް ކޮށްފައިވަނީ ސިޔާސީ ވިސްނުމުގައި ނޫންކަމަށެވެ.

ވޭތުވެދިޔަ އެއްއަހަރަކީ މާލެ ސިޓީކައުންސިލުން ކުރި މަސައްކަތުން އެކި ކަހަލަ ނަތީޖާ ނެރެވުނު އެއް އަހަރު. ސިޔަސީ ފިކުރަކު ނޫން މަސައްކަތްކުރީ

މިއާއިއެކު މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ސަރުކާރާއި މުޢާމަލާތް ކުރަމުން ދިޔައީވެސް ސިޔާސީ ފިކުރު ދޫކޮށްލުމަށްފަހުގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް ހުވާ ކުރެއްވުމަށްފަހު ފެށުނު ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އެކު ބައްދަލުވުންތައް ބޭއްވި އެފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަން ދަންނަވާ އަދި ޢަމަލީ ގޮތުންވެސް އެގޮތަށް މަސައްކަތް ކުރަމުން އައިކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ނުލިބުނު ކަމުގައިވިޔަސް ސިޓީ ކައުންސިލުން އެއްވެސް މުއައްސަސާއަކަށް ދޭންޖެހޭ އެއްބާރުލުން ނުދީ ނޯންނާނެ ކަމަށާއި، އެފަދައިން އެއްވެސް މުއައްސަސާއަކަށް ބުނެވެން ނޯންނާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އެއްވެސް މުއައްސަސާއަކަށް ވިދާޅެއް ނުވެވޭނެ ކައުންސިލުން އެއްބާރުލުން ނުދިނޭ. ޓަކި ޖަހަންޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހައިން މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން މިއައީ

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދިންކަމުގައި ވީނަމަވެސް މާލޭގެ ރައްޔިތުންނަށް ފެނިގެންދަނީ އެގޮތަށް ސަރުކާރުން ޢަމަލުނުކުރައްވާ މަންޒަރު ކަމަށެވެ.