މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ25 މެއި 2022


މާލޭ ރައްޔިތުންގެ އަމާޒުތައް ބޭނުން ދިމާލަށް ގެންދިއުމަށް މި ކައުންސިލް ދާނީ މަސައްކަތް ކުރަމުން: މޭޔަރު މުޢިއްޒު

ދަތި ތަކާއި އެކުވެސް މާލޭގެ ރައްޔިތުންގެ އަމާޒުތައް ބޭނުން ދިމާލަށް ގެންދިއުމުގައި މާލެ ސިޓީ ކައުންސިލް ގެ ހަތަރުވަނަ ދައުރުގައި މަސައްކަތް ކުރަމުން ގެންދާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ވަނީ އެމަނިކުފާނުގެ ޤާބިލްކަން ނެތްކަން ދެއްކުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

އަޅުގަނޑުގެ ޤާބިލްކަން ނެތްކަން ދައްކަން ސަރުކާރުން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުފެންނާނެ އަޅުގަނޑުގެ ފަރާތުން. މާލޭގެ ރައްޔިތުންގެ އަމާޒްތައް ބޭނުން ދިމާލަށް ގެންދިއުމުގައި މި ކައުންސިލް ދާނީ މަސައްކަތް ކުރަމުން

ހަތަރުވަނަ ދައުރަށް އިންތިޚާބު ވެވަޑައިގެންނެވުމާއި އެކު ސަރުކާރާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގިނަ ކަންކަން ކުރެއްވިކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކައުންސިލްގެ މަސައްކަތްތައް ސަރުކާރާއި ގުޅިގެން ރާވާ ހިންގުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ މިނިސްޓަރުން އަދި ކުންފުނިތަކުގެ ވެރިންނާއި ބައްދަލުކުރެވި މަޝްވަރާތައް ކުރެވުނު ކަމަށާއި ވީވަރަކުން ޤާބިލް މޭޔަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން މޭޔަރު ފާހަގަ ކުރެއްވިއެވެ. އަދި މޭޔަރާއި ކައުންސިލަރުންނާއި އެކު މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ކިބައިން ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ވިސްނުމުގައިކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ކިބައިން ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް މިދަނީ ހަމަ މަސައްކަތްކުރަމުން. ސަރުކާރުގެ ފަރާތުން މި ފެންނަނީ އަންޕްރޮފެޝަނަލް އެޓިޓިއުޑް

މޭޔަރު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީން ކަމަކީ މި ކައުންސިލުން އަތްއުރާލައިގެން ނުތިބޭނެކަން ކަމަށާއި، ކަންކަން ހުއްޓުވަން މަސައްކަތް ކުރިނަމަވެސް ނުވަތަ ކައުންސިލްގެ މަސައްކަތް ލަސް ކުރުމަށް، މަސައްކަތް ކުރިނަމަވެސް އިތުރު ގޮތްތައް ހޯދާ ބަލައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތަކަކީ މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެ އަހަރުތަކެއް ކަމަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އަބަދު ކައުންސިލް ފަހަތަށް ޖައްސާ ނުހިފެހެއްޓޭނެ ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރީ އަދި ކުރަމުންދަނީ ރައްޔިތުން އުންމީދުކުރި ގޮތަށް ކަމަށް ރައްޔިތުން ޤަބޫލުކުރައްވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.