"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދުމުގެ ޙަރަކާތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ24 މެއި 2022


"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދަން ފަށައިފި

މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ކަދުރު ރުއް އިންދަވާ ދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު އެވެ.

މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ މަޝްރޫއަކީ މާލެ އަކީ ފެހި އަދި ހިތްފަސޭހަތަނަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ކަދުރު ރުއް އިންދުމުގެ ހަރަކާތަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މޭޔަރު ވިދާޅުވީ މި މަޝްރޫޢުގެ ބޭނުމަކީ މާލެ އަކީ އެކި ކަހަލަ ފައިދާހުރި ގަސްތަކާއި ރުއްތައް ގިނަ ހިތްގައިމު ޗާލު މާލެ ސިޓީ އަކަށް ހެދުން ކަމަށެވެ.

މީގެ ބޭނުމަކީ މާލެ އަކީ ފެހިކަންބޮޑު މޭވާ އަޅާ ގަސްތަކާއި އެކި ކަހަލަ ފައިދާހުރި ގަސްތަކާއި ރުއްތައް ގިނަ ހިތްގައިމު ޗާލު މާލެ ސިޓީ އަކަށް ހެދުން

އެގޮތުން ކައުންސިލުން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުގައި ކަދުރު ރުއް އިންދުމަށް ކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިމިގެން ދާއިރު ފެނިގެން ދާނީ ވަރަށް ހިތްގައިމު މަންޒަރެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ބޮޑު ތަކުރުފާނުމަގުގައި މޭޔަރު މުޢިއްޒު ކަދުރު ރުއް އިންދަވާ ދެއްވަނީ.

މިއަދު ކަދުރު ރުއް އިންދަން ފަށާފައިވާއިރު ކައުންސިލުން ރާވާފައިވަނީ ފަންސަވީސް ފޫޓު ދުރުމިނުގައި ދުއިސައްތަ ކަދުރުރުއް އިންދުމަށް ކަމަށާއި ކުރިއަށް އޮތް ދެމަހާއި ބައިގެ ތެރޭގައި ހުރިހާ ރުއްތައް އިންދާ ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މި އިންދޭ ކަދުރު ރުއްތައް ކަމާއިބެހޭ މާހިރުންގެ ލަފަޔާއިއެކު ބަލަހައްޓަމުން ގެންދެވޭނެ ކަމަށެވެ.

ކަދުރު ރުކުގެ އިތުރުންވެސް އެކި ކަހަލަ ގަސްތައް ރާއްޖޭގެ އެކި ރަށްރަށުންނާއި ރާއްޖޭން ބޭރުންވެސް ގެންނަމުންދާކަން މޭހަރު ފާހަގަކުރެއްވިއެވެ.

އެގޮތުން އަނބުގަހާއި، ސައްކެޔޮ ގަސް،އަދި ޖަނބުރޯލު ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދުމުގެ ޙަރަކާތުގެ ތެރެއިން.

މޭޔަރު ވަނީ އާންމު ފަރާތްތަކާއި އަދި ހެޔޮ އެދި ވަޑައިގަންނަވާ އެކި ފަރާތްތަކަށްވެސް ސިޓީ ކައުންސިލްގެ މި ޕްރޮގްރާމަށް ގަސް ހަދިޔާ ކުރެއްވޭނެ ކަން ފާހަގަކުރައްވާފައެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ ރައްޔިތުންގެ އެއްބާރުލެއްވުމާއިއެކު މި މަޝްރޫޢު ކާމިޔާބުވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ އަންނަން ވާއިރަށް މާލޭގައި އެއްލައްކަ ގަސް އިންދައި ނިންމުން ކަމަށް މޭޔަރު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.