ހުޅުމާލެ ދާއިރާގެ ކަނބަލުންނަށް ޚާޢްސަ ފަހާކޯސް އިފްތިތާޙު ކުރުމަށް ބޭއްވި ރައްމިއްޔާތުގައި މޭޔަރު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ20 ޖޫން 2022


ފެންނަމުން ދަނީ ހުޅުމާލޭ ރައްޔިތުންނަށް ދޭން ބޭނުންވާ އެތައް ޚިދުމަތެއް ދިނުމުގައި ދިމާވެފައިވާ ދަތިކަން: މޭޔަރު މުޢިއްޒު

ފެންނަމުންދަނީ ކައުންސިލް އަދި ޑަބްލިޔު ޑީސީއިން ހުޅުމާލޭ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ޚިދުމަތެއް ދިނުމުގައި ދިމާވެފައިވާ ދަތިކަން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ކަނބަލުންނައް ޚާޢްސަކޮށް ކުރިއަށްގެންދާ ފަހާކޯސް އިފްތިތާޙް ކޮށްދެއްވަމުން ދެއްކެވި ފާހަކަފުޅުގައި މޭޔަރު ވިދާޅުވީ މި ކޯހަކީ ހުޅުމާލެ ދާއިރާގެ އ.ތ.މ ކޮމެޓީގެ މެމްބަރު ސަމިއްޔާ އަދި ދާއިރާގެ ކައުންސިލަރު ހުޅުމާލެ ދާއިރާގެ ކަނބަލުން އަމިއްލަ ފައިމައްޗަށް ތެދުވެ،އުފެއްދުންތެރި މަސައްކަތެއް ކޮށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދުމަށްޓަކައި،މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް އާމްދަނީ ހޯދޭނެ ފަންނެއް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު ކޯހެއްކަމަށެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ފުދުންތެރި ދިރިއުޅުން އަމާޒަށްކަމަށާއި، ޚާއްސަކޮށް ކަނަބަލުންނަށް އެކިކަހަލަ ކޯސްތައް ހިންގައިދިނުމާއި ވިޔަފާރިތައް ފެށޭނެ މަގުފަހިކޮށްދިނުން ފަދަ ކަންކަން ހިމެނޭކަމަށެވެ. އެގޮތުން މާލޭގެ 6 އަވަށް ހިމެނޭހެން ކަނަބަލުންނަށް ޚާއްސަކޮށް މާރުކޭޓުފަދަ ތަންތަން ހެދުމަށް ނިންމާ ހުޅުމާލެ ފިޔަވައި ބާކީ 5 އަވަށުގައި މި މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ހުޅުމާލޭގައި މިފަދަ ކަންކަން ފެށޭނެގޮތަށް މަގުފައި ވެފައިނެތްކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ ހުއްޓާނުލާ ސަރުކާރުގައި ދަންނަވައިގެން ކުރިއަށް އޮތްތަނުގައި މިފަދަ ދަތިތައް ނައްތާލެވޭތޯ މަސައްކަތް ކުރައްވައިގެން ކަނބަލުންގެ މާރުކޭޓުވެސް ޤާއިމް ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ހުޅުމާލެ ދާއިރާގެ ކަނބަލުންނަށް ޚާޢްސަ ފަހާކޯސް އިފްތިތާޙު ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން.

މީގެ އިތުރުން ފަހާކޯސް ހިންގަން ދިމާވެފައިވާ ދަތިތަކަށް އަލި އަޅުއްވާ ލައްވަމުން މޭޔަރު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކަންކަން ކުރަންޖެހިފައި އޮތްގޮތް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ވަގުތެއްކަމަށެވެ.

ޤާނޫނުގައި ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމުގައި ހިމެނޭ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި އޮންނަ އިޙްތިޞާސްގައި ހުޅުމާލެ އަކީ މާލެ ސިޓީގެ ތަނެއްގެ ގޮތުގައި ހިމެނޭ ގޮތަށް އޮންނަކަން ފާހަގަކުރައްވަމުން މޭޔަރު ވަނީ ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ތަފްސީލް ކޮށްދެއްވާފައެވެ.

ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތާއި، މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި މިއޮތް ދަތިކަން އާޅުގަނޑުމެން އެންމެންނަށް އެބައިނގޭ

މިއާއިއެކު އ.ތ.މ ކޮމެޓީގެ ގެ ފަރާތުން މެންބަރު ސަމިއްޔާ އާއި ދާއިރާގެ ކައުންސިލަރު މި ކޯސް ހިންގުމަށް އެކަށީގެންވާ ޖާގައެއް ހޯދުމަށް ތަކުރާރުކޮށް އެޗްޑީސީގައި އެދިފައިވީނަމަވެސް އެކަން ފަހިކޮށް ނުދިނުމުގެ ސަބަބުން މިކަން ކުރަން ޖެހުނީ ވަރަށް ދަތިކޮށް ކަމަށާއި، މާލޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަކާއި ޑަބްލިޔުޑީސީއެއް އޮވެ،މި ދެފަރާތުން މަސައްކަތް ކުރަމުން ދާއިރު މިފަދަ ކަންކަން މިހާ ދަތިކޮށް ކުރަން ޖެހުމަކީ ހިތާމަކުރާކަމެއް ކަމުގައި މޭޔަރު މުޢިއްޒު ފާހަގަކުރެއްވިއެވެ.

ކައުންސިލް އަދި ޑަބްލިޔު ޑީސީއިން ހުޅުމާލޭ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ޚިދުމަތެއް ދިނުމުގައި ދިމާވެފައިވާ ދަތިކަން މިފެންނަނީ

މޭޔަރު އިތުރަށް ވިދާޅުވީ ހުޅުމާލެ އަކީ މާލޭ ސިޓީގެ ބައެއް ބައެއް ކަމުގައި ވާއިރުގައި ސަރުކާރުން އަދި އެޗްޑީސީން ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ރަނގަޅަށް ވިސްނާ ވަޑައިގެން ޑަބްލިޔުޑީސީ އަދި މާލެ ސިޓީ ކައުންސިލާއި އެކުގައި ކައުންސިލްގެ ޒިންމާތައް އަދާކުރެވޭނެފަދަ ގޮތަކަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އަދި އެގޮތަށް ސަރުކާރުން މަސައްކަތް ކޮށްދެއްވައިފިނަމަ މާލެ އެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް ނަތީޖާ ނެރެދެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެގޮތަށް އެބޭފުޅުން މަސައްކަތް ކޮށްދެއްވައިފިނަމަ ހުޅުމާލޭގެ ކަނބަލުން އަދި ޒުވާނުންނާއި އާންމު ރައްޔިތުންނަށް ވާނީ ފައިދާ. މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ އެކީގައި މަސައްކަތް ކޮށްގެން ހުޅުމާލޭގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރެދޭން

އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަނބަލުން ބާރުވެރި ކުރުވުމަށް މިފަދަ އިތުރު ޕްރޮގްރާމްތައް ފެށިގެން ދިއުން ކަމަށާއި، މިފަދަ ކަމެއް ފެށިގެން ދާކަމަށްޓަކައި އުފާކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ފަހާކޯސް ހިންގުމުގެ ރަސްމިއްޔާތަކީ ކުރިއަށްއޮތް ދުވަސްތަކަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަދަ ކޯހެއް ހިންގެވުމަށް އިސްނެންގެވި ކަމަށް ޓަކައި މޭޔަރު ވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު އަދި އ.ތ.މ ކޮމެޓީގެ މެންބަރު ސަމިއްޔާ އަށް ޝުކުރު ދަންނަވާފައެވެ.