ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

މާލެ ސިޓީ ކައުންސިލް އިދާރާ30 ޖޫން 2022


މަގު ހެދުމުގެ މަޝްރޫޢުއަށް ސަރުކާރުން ހައްލެއް ގެނެސްދޭންޖެހޭ:ސައިފް

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުއަށް ސަރުކާރުން ހައްލެއް ގެނެސްދެއްވަން ޖެހިވަޑައިންނަވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މިއަދުގެ ކައުންސިލް ޖަލްސާގައި ސައިފްވަނީ މިކަން ކުރިއަށް ނުދާ ސަބަބު ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މާލޭގެ މަގުތައް ހެދުމަށް ވަރަށްބޮޑު ޕްރޮޖެކްޓެއް އޮތީ އިޢުލާނުކޮށްފަ. އެތައް މިލިއަން އެތައް ސަތޭކަ މިލިއަނެއްގެ ޕްރޮޖެކްޓެއް، އެއީ މިހާރު އެކަށައެޅި އެއްބަސްވުމެއްގައި ސޮއިކުރެވިފަ މިވަނީ.

ސައިފް ވިދާޅުވީ ދަޢުލަތް ހިއްސާވާ ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައި އަބަދު ކައުންސިލުން ތިބެންޖެހުމަކީ ހިތާމަ ކުރައްވާކަމެއް ކަމަށެވެ.

އަޅުގަނޑުމެން ހިތާމަކުރަން މީ އަބަދު އަޅުގަނޑުމެން ދަޢުލަތް ހިއްސާވާ ކުންފުނިތަކުގެ މަރސީގައި ތިބެންޖެހޭތީ. އެބޭފުޅުން ކޮށްދެއްވިއްޔާ ނޫނީ އަޅުގަނޑުމެން ހަވާލުކުރާ މަސައްކަތެއްގެ މައްޗަށްވެސް ބަހެއް ބުނުމުގެ އިޚްތިޔާރެއް އަޅުގަނޑުމެންނަކަށް ނެތް.

މިމޭރުމުން ވާހަކަ ދައްކަވަމުން ސައިފް ވަނީ މި މަޝްރޫޢުގެ ދަށުން މާލެ ސިޓީ ކައުންސިލުން އާރުޑީސީ އާއިއެކު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ވަރަށްގިނަ މަސައްކަތް ކުރެވިއްޖެ އާރުޑީސީއާއި އެއްކޮށް. މަލޭގެ މަގުތައް ހެދުމަށް، ޒީނަތްތެރިކުރުމަށް. ފަސޭހަ ކުރުމަށް، ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި އެމަގުތަކުގެ ކޮންޓްރެކްޓް ކުރިއަށް ގެންދިއުމަށް

ކައުންސިލުން މަސައްކަތްކުރި ނަމަވެސް މިކަމުގައި އެއްވެސް އަލިމަގެއް ފެނިފައިނުވާކަމީ ކަންބޮޑުވުމެއްގެ ގޮތުގައި ސައިފް ސިފަކުރެއްވިއެވެ.

އެހެންނަމަވެސް އެއްވެސް އަލިމަގެއް ނުފެނޭ. އެކޮޅުން މި ވިދާޅުވަނީ ސިޓީ ކައުންސިލުން އެއަށް ބަދަލުތަކެއް ގެންނަނީއޭ. ގެންނާތީ ނުވެގެންނޭ. އަޅުގަނޑުމެން މިދަންނަވަނީ އަޅުގަނޑުމެންނޭ މަސައްކަތް ހަވާލުކުރާ މީހުންނަކީ ޓާރމްސް ނިންމާނީ އަޅުގަނޑުމެންނޭ . ތިބޭފުޅުންގެ މަސައްކަތަކީ އެ ކަން ހަވާލުކުރިގޮތެއްގެ މައްޗަށް އެކަން ރަނގަޅަށްކުރުމޭ. ކޮންމެ ގޮތެއްގަ ނަމަވެސް އަދި ކޮންމެ ބަޔަކު މިކަން ލަސްކުރި ކަމުގައިވިޔަސް މީގަ ސަރުކާރުން ކޮންމެވެސ ހައްލެއް އެބަ ގެނެސްދެއްވަންޖެހޭ. މިކަން ވެވޭނެގޮތެއް ކުރިއަށް ދެވޭނެ މަގެއް އޮންނަންވާނެ ނޫންތޯ؟

ސައިފް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢު އާއި ގުޅިގެން މާލެ ސިޓީ ކައުންސިލް މިހާރު ތިބެންޖެހިފައިވަނީ ބުރަކި ޖެހިފައި ތިބޭ އުސޫލުންކަމަށެވެ.

މިހާރު އަޅުގަނޑުމެން މިތިބީ ބުރަކި ޖެހިފަ. އެއްވެސް އެއްވެސް މަގެއް ނެތް،ވާހަކަ ދައްކާނެ ތަނެއް ނެތް، މިކަމުގެ ޝަކުވާ ހިފައިގެން އުފުލާނެ މީހަކުނެތް، މާލޭގެ މީހުންނަށް މީގެ ހުރިހާ ދެރަ މިލިބެނީ. މާލޭގެ މަގުތައް ނުލާހިކު ރަނގަޅަށް ހަދަމުން އައިސް އެއޮތީ ހުއްޓިފަ. ސަބަބެއްވެސް ނޭނގެ. ސަބަބެއް އޮޅުން ފިލުވައި ދެއްވާކަށްވެސް ނުޖެހޭ.

ސައިފް އިތުރަށް ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ދާންޖެހޭ ކަމަށާއި ހުއްޓުވާފަ އޮތީމަ ޖެހެނީ މަގުތަކުގެ މައްސަލަ މަތިމަތިން ހައްލުކޮށްލަންކަމަށާއި، އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ.

ހުއްޓުވާފަ އޮތީމަ މިޖެހެނީ މަގުތައް މަތިމަތިން ރަނގަޅުކޮށްލަން. އެކަމަކު އެއީކީ ރަނގަޅު ހައްލަކަށް ނުވާނެ. އަޅުގަނޑު އާދޭހާއިއެކު ދަންނަވަން މާލޭގެ މަގުތައް ހެދޭނެ ގޮތެއް ހައްދަވައިދެއްވާށޭ.

މަގު ހެދުމުގެ މަޝްރޫޢު އަކީ ކުރީގެ ކައުންސިލުން އާރުޑީސީ އާއި ހަވާލުކޮށްފަ އޮތް މަސައްކަތެއްކަން ފާހަގަ ކުރައްވަމުން ސައިފް ވިދާޅުވީ މަސައްކަތް ހަވާލު ކުރީ ކައުންސިލުން ކަމަށާއި ހަވާލުކުރުމަށްފަހު އެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން އެދުމަކީ މުޅި މަޝްރޫޢު ހުއްޓެންޖެހޭ ސަބަބެއް ނޫންކަމަށާއި އެކަން އާރުޑީސީއަށް އަދި ސަރުކާރަށްވެސް އިނގެންވާނެ ކަމަށެވެ.