މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ30 ޖޫން 2022


މަގު ހެދުމުގެ މަޝްރޫޢުއާއި ގުޅޭ ޤާނޫނީ ހުރިހާ މަރުޙަލާއެއް ކައުންސިލުން ވަނީ ނިންމާފައި:މޭޔަރު މުޢިއްޒު

މާލޭގެ މަގު ހެދުމުގެ މަޝްރޫޢުއާއި ގުޅޭ ޤާނޫނީ ހުރިހާ މަރުޙަލާއެއް ކައުންސިލުންވަނީ ނިންމާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ޒަމާނީފެންވަރަށް ހެދުމަށްޓަކައި ސަރުކާރުން ފެއްޓެވި މަގުހެދުމުގެ މަޝްރޫޢު ނިމިދިޔަ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށިފައިވީނަމަވެސް ވަކި ހިސާބަކުން މި މަޝްރޫޢުވަނީ ހުއްޓުމަކަށް އައިސްފައެވެ.

މަޝްރޫޢު ހުއްޓިފައިވުމާއިއެކު،ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ. ކައުންސިލަށް ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބެއްކަމަށް ކައުންސިލަރުން ޤަބޫލު ކުރައްވަނީ މަގު ހެދުމުގެ މަޝްރޫޢު ލަސްވާ ސަބަބާއި ގުޅޭގޮތުން ޕްލޭނިންގް މިނިސްޓްރީ އާއި އާރްޑީސީއިން ދައްކައްވަމުން ގެންދަވާ ބައެއް ވާހަކަތަކެވެ.

މަގު ހެދުމުގެ މަޝްރޫޢު ލަސްވެފައިވުމާއި ކައުންސިލަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްނުގޮސް ހުއްޓިފައި އޮތީ މާލެ ސިޓީ ކައުންސިލުން ކަމެއްނުކޮށްގެން ނޫން ކަމަށާއި، ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް ކަމަށާއި، އެކަމަށް ބަޖެޓް އިތުރުނުވާކަމަށާއި، ސްކޯޕަށް އެސްވެސް މަގެއް އިތުރު ނުކުރާކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ 58 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ވަނީ މަޝްރޫޢު އާއި ގުޅިގެން ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލްވެސް ހިއްސާ ކުރައްވާފައެވެ.

މަޝްރޫޢު ކުރިއަށްނުގޮސް ހުއްޓިފައި އޮތީ މާލެ ސިޓީ ކައުންސިލުން ކަމެއްނުކޮށްގެން ނޫން އިނގޭތޯ. ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް. އެކަމަށް ބަޖެޓެއް އިތުރެއްނުވޭ، ސްކޯޕަށް އެސްވެސް މަގެއް އިތުރެއް ވަކި ނުވޭ.

މޭޔަރު ވިދާޅުވީ ރޯޝަނީމަގުވެސް ހެދީ ކައުންސިލުން ގެންނަން ހުށަހެޅި ބަދަލުތައް ގެނައުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުގައި ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މަޝްރޫޢު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މި ފާއިތުވި 7 މަސް ވޭތުވެގެން ދިޔައިރު މަޝްރޫޢު ހުއްޓިފައި އޮތީ ކޮންސަބަބަކާއި ގުޅިގެންކަން ކައުންސިލަށް ސާފުނުވާކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން އެ މަޝްރޫޢުއަށް ގެންނަން ހުށަހެޅި ބަދަލުތަކާއިއެކު ވެސް ވަނީ އެއްބަސްވެފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ފުލް ސްކޯޕްގައި އަމީނީ މަގު އެއްކޮށް ނިންމާކަށ ނެތް، އެހެންކަމުން އެއީ ދެކޮޅުޖެހޭ ކަމަކަށްނުވާތީ އަޅުގަނޑުމެން އެއަށް އިތުރުކުރީ ފިނޭންސްއާއި ޕްލޭނިންގް އާއި ވެސް ވާހަކަ ދައްކައިގެން މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މުޅި އަމީނީމަގު ހެދުމަށް، އެކަންވެސް ހުރީ ހުރިހާ ލިޔެކިޔުމަކުން ހަމަޖެހިފަ

މަގު ހެދުމުގެ މަޝްރޫޢުއަކީ މިއަހަރަށް ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގައިވެސް އޮތް މަޝްރޫޢުއެއް ކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މަޝްރޫޢުއާއި ގުޅޭ ޤާނޫނީ ހުރިހާ މަރުޙަލާއެއް ކައުންސިލުން ވަނީ ނިންމާފައި ކަމަށާއި މިވަރު މުހިންމު ކަމެއްގައި މި ހިފެހެއްޓުން ހިފަހައްޓާ ސަބަބަކީ އަޖއިބެއްފަދަ ކަމެއް ކަމަށެވެ.