ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

މާލެ ސިޓީ ކައުންސިލް އިދާރާ30 ޖޫން 2022


މާލޭގެ ފަޅު ނަޖިސްވަމުންދާ ދިއުން ހުއްޓުމަކަށް ގެންނަން އުސޫލުތަކެއް ހަދަންޖެހޭ:ސައިފް

މާލޭގެ ފަޅަށް ނަޖިސްބޭރުވެ ފަޅުތެރެ ނަޖިސްވަމުންދާ ދިއުން ހުއްޓުމަކަށް ގެނައުމަށް އުސޫލުތަކެއް ހަދަންޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ މިކަމަކީ ޒަމާނުއްސުރެ ހިނގަމުންދާ އަދި ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލައެއްކަމަށާއި، މިކަމަށް މަޑުމަޑުން ބަދަލެއް ގެންނަންޖެހޭކަމަށެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ހުރިހާ ހިސާބަކުން އަންނަ އޮޑި ދޯނި ފަހަރު މާލޭގެ ފަޅުގައި އާޅާފައި އޮންނައިރު ޒަމާނުއްސުރެ އަދި އެކަމަށް ހައްލެއް ހޯދިފައެއްނުވޭ. އެކަމަށް އަޅުގަނޑުމެން އެބަޖެހޭ މަޑުމަޑުން ބަދަލެއްގެންނަން.

ސައިފް ވިދާޅުވީ ފަޅަށް އެއްވެސް ފިލްޓްރޭޝަން ސިސްޓަމެއްނެތި ނަޖިސް ބޭރުވާ ބޭރުވުން ހުއްޓުވޭނެ ގޮތެއްގެ މައްޗަށް ވިސްނަންޖެހޭކަމަށާއި، ސީދާ މާލޭގެ ފަޅަށް އެހެން ނަޖިސް ބޭރުވަމުންދާ ދިއުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ޚާއްސަކޮށް ޓްރެކް ސަރަޙައްދަކީ ވަރަށް ގިނަކުދިން ފަތަން ދަސްކުރަންދާ ތަނެއް ކަމަށާއި މުބާރާތްތަކުގައި ފެތުމަށް ފަރިތަކުރަންދާ ތަނެއްކަމަށް ވުމުން އެކަމަށް ހައްލެއް ލިބޭނެ ގޮތަކަށް ވިސްނުން ބައްޓަންކުރުން ވަރަށް ބޭނުންތެރި ކަމަށާއި އެކަމަށް އުސޫލެއްވެސް ކަނޑައެޅިގެން ދިއުން މުހިންމުކަމަށް ސައިފް ފާހަގަކުރެއްވިއެވެ.