މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވިލިމާލޭގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ30 ޖޫން 2022


ފައިބަރު މަސައްކަތާއި ގުޅޭގޮތުން ވިލިމާލޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

ފައިބަރު މަސައްކަތްތަކާއި ގުޅޭގޮތުން ވިލިމާލޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން މާލެ ސިޓީކައުންސިލުން ނިންމައިފިއެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ކައުންސިލްގެ 58 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުވުމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ ފައިބަރު މަސައްކަތާއި ގުޅޭގޮތުން އެންޖީއޯ ތަކާއި ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ރައްޔިތުންނާއި އެކު އެންމެން އެއްތާކުން ބައްދަލުކޮށް މަޝްވަރާކުރުމަށް މިހާރުވަނީ ނިންމާފައިކަމަށާއި، 5 ޖުލައި ވާ އަންގާރަ ދުވަހުގެރޭ މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ އެންމެން އެއްތާކުތިބެ،ބިނާކުރަނިވި ގޮތެއްގައި މިކަމާއިމެދު ވާހަކަދައްކާ ގޮތެއްނިންމުން ކަމަށާއި، ކައުންސިލުން ކުރެވުނު ކަންކަން ކިޔައިދިނުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި މީގެ ކުރިން ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން.

ޖުލައި 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް އެންވަރމަންޓް މިނިސްޓްރީ އާއި އެޗްޕީއޭ،އަދި ކަމާއިގުޅުންހުރި ހުރިހާ ފަރާތްތަކަށް ދަޢުވަތު ދެއްވާނެކަމަށާއި އެ ހުރިހާ ފަރާތްތަކުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އެންވަރމަންޓް މިނިސްޓްރީ،އެޗްޕީއޭ،އަދި ކަމާއިގުޅުންހުރި ހުރިހާ ފަރާތްތަކަށް ދަޢުވަތު ދޭނަން. މިކަން އެބަޖެހޭ ނިމެން، އަޅުގަނޑުމެން އަބަދުވެސް ކުރިއަށްދަނީ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް

މާލެ ސިޓީ ކައުންސިލުން އެކިއެކި ދާއިރާތަކާއި ގުޅޭ މަޝްރޫޢުތައް ހިންގަވާއިރު މިފަދައިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.