ޕޮލިސް ކޮންސްޓަބިޔުލަރީ މަސައްކަތް ފެއްޓުމުގެ ގޮތުން ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ29 ޖުލައި 2022


ސްޕެޝިއަލް ކޮންސްޓެބިއުލަރީ ޚިދުމަތް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދަން ފަށައިފި

މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ސަރވިސް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން އެންމެ ފަހުގެ މަސައްކަތްތަށް ކުރަން ފަށައިފިއެވެ. މި ކަމާއި ގުޅޭ ޚާއްސަ އޮރިއެންޓޭޝަން ސެޝަންތައް މާލެ ސިޓީ ކައުންސިލުން ވަނީ މި ސްޕެޝަލް ކޮންސްޓެބިއުލަރީ ޚިދުމަތުގައި ހަރަކާތްތެރިވާ ފުލުހުންނަށް ދީފައެވެ. މި އޮރިއެންޓޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.

މި ސްޕެޝަލް ކޮންސްޓަބިއުލަރީ ޚިދުމަތުގައި ދިވެހި ފުލުހުންގެ މަސްއޫލިއްޔަތަކީ މާލެ ސިޓީ ކައުންސިލް އިދާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މާލެ އާއި ވިލިމާލެ ކޮމިއުނިޓީ މޮނިޓަރކޮށް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ހިމެނެނީ

ޢާއްމު ތަންތަނަށް ކުނި އެޅުން ، މާލެ ވިލިމާލޭގެ ޢާއްމު ތަންތަނުގައި ތަކެތި ބެހެއްޓުން ، ޢާއްމުންނަށް އުނދަގޫ ފޯރާނެހެން ގަވައިދާ ޚިލާފަށް މަގުމަތީގައި އުޅަނދު ޕާކްކުރުން ، މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި ،އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުން ، ރައްޔިތުންނަށް އުނދަގޫފޯރާގޮތަށް ޢާއްމު ތަންތަނުގައި ތަކެތި ބަ ހައްޓައިގެން ވިޔަފާރިކުރުން އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި ޢާއްމުކޮށްފައިވާފަދަ ޢަމަލުކުތައް ކުރުމުން ފިޔަވަޅުއެޅުން ފަދަ ކަންކަމެވެ.

މާލެސިޓީގެ މުނިސިޕަލް ހިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސްޓެބިއުލަރީ" ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިކަން އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައިގައި މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.