މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ22 ސެޕްޓެމްބަރ 2022


މާލެ ސިޓީ ކައުންސިލްގެ “އެއްލައްކަ ގަސް“ ޕްރޮގްރާމް ހިނގަމުންދާގޮތުގެ ތަފްސީލް ހާމަކުރައްވައިފި

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް“ ޕްރޮގްރާމް ހިނގަމުންދާގޮތުގެ ތަފްސީލް ހާމަކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި ތަފްސީލްތައް ހާމަކޮށްދެއްވާފައިވަނީ ކައުންސިލްގެ ގަސް ކޮމެޓީގެ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެޖެޓިވް އަހުމަދު ޝަރީފް އެވެ.

ކައުންސިލްގެ ގަސް ކޮމެޓީގެ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެޖެޓިވް އަހުމަދު ޝަރީފް ”އެއްލައްކަ ގަސް“ ޕްރޮގްރާމާއި ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަނީ.

ގަސްކޮމެޓީގެ ފަރާތުން މި މަޢުލޫމާތުތައް ހާމަކުރައްވަމުން އަހުމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމް އަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، އަމާޒަކީ މާލެތެރެ ފެހިކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ޓަކައި ހިމެނިފައިވާ އިތުރު ކަންކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރޮގްރާމަށް އިތުރުކުރި ކަންކަމުގެ ތެރޭގައި ރާއްޖެއިން ލިބެންނެތް ގަސްތައް ބޭރު ޤައުމުތަކުން ގެނައުމާއި، ރާއްޖެއިން އުވެމުންދާ ބައެއްކަހަލަ ގަސްތައް ދިރުވާ އާލާކުރުމުގެ އިތުރުން، ގަސް އިންދާހެއްދުމަށް ބޭނުންވާ ބާވަތްތައް ލިބެން ހުންނާނެ އިންތިޒާމް ހަމަ ޖެއްސުމާއި، ގަސްތައް ބެހެއްޓުމަށް ހެދިފައިވާ ނާސަރީތައް ތަރައްޤީކުރުން ހިމެނެއެވެ. މި ގަސްތައް ގެނެސް ބެހެއްޓުމަށްޓަކައި މިހާރުވެސް ކާނިވާ ސަރަޙައްދުގައި އަދި ތައިސޭކޮށީގައި 2 ނާސަރީ ހެދިފައިވާ ކަމަށާއި، ވިލިމާލޭގައި އަދި ހުޅުމާލޭގައިވެސް އިތުރު ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި ކޮމެޓީގެ ފަރާތުން އަހުމަދު ޝަރީފް ފާހަގަކުރެއްވިއެވެ.

ގަސްތައް ގެނެސް ބެހެއްޓުމަށްޓަކައި ތައިސޭކޮށީގައި ހެދިފައިވާ ނާސަރީ.

މީގެ އިތުރުން މި ޕްރޮގްރާމާއި ގުޅޭ އިދާރީ ކަންކަން ކުރުމަށްޓަކައި ޕްރޮޖެކްޓް އޮފީހެއްވެސް ޤާއިމް ކުރެވިފައިވާކަމަށާއި، މިކަމަށްބޭނުންވާ ވެލި ތައްޔާރުކުރުންވެސް ކުރިއަށްދާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އާންމު ރައްޔިތުންނަށް ފެންނާނެހެން އައުޓްލެޓް އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ކޮމެޓީގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ އިންދާފައެވެ. މިއާއިއެކު މާލެ ވަށައިގެން ކަދުރު ރުއްތައް އިންދުމުގެ މަސައްކަތް 24 މެއިގައި ފެށިފައިވާއިރު މިކަމުގެ ތަފްސީލްވެސް މިއަދުގެ ޖަލްސާގައި ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކާނިވާ ބަސް ޓާމިނަލްގައި 14 ރުއް، އާޓިފިޝަލް ބީޗްގައި 23 ރުއް، ބީޗް ވޮލީ ކޯޓް ސަރަޙައްދުގައި 8 ރުއް، އަދި ލޮނު ޒިޔާރަތްޕާކް ކަންމަތީގައި 12 ރުއް، މީގެ އިތުރުން ރިންގް ރޯޑްގައި 85 ކަދުރު ރުއް މިހާތަނަށް އިންދިފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 142 ކަދުރުރުއް ވަނީ އިންދިފައެވެ. މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

"އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ކަދުރުރުއް އިންދުމުގެ ޙަރަކާތުގެތެރެއިން.

މި ޕްރޮގްރާމާއި ގުޅޭގޮތުން ގަސް ޕްރޮޖެކްޓް ކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުالله ނާޞިރު ވިދާޅުވީ ގަސްމުށިތަކުގައި އިޝްތިހާރާއި ކައުންސިލާއި ގުޅޭ މުހިންމު މަޢުލޫމާތު ޖެހުމަށް ޑިޖިޓަލް ސްކްރީން ހަރުކުރެވިފައިވާނެ ކަމަށެވެ.

ގަސް ކޮމެޓީގެ މުޤައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު އަދި ނައިބު މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު.

މި ޕްރޮގްރާމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ މަޝްރޫޢުއަކަށް ވެގެންދާނެ ގޮތަށް މިކަންރާވާ ހިންގަންޖެހޭނެ ކަމަށާއި، މިކަމަކީ ޑިޖިޓަލް މާލެ މަޝްރޫޢުއާއިވެސް ގުޅިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް މޭޔަރު މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ގެ ދަށުން އިންދަން ހަމަޖެހިފައިވާ 65% ގަހަކީ އަނބުގަހެވެ.އަދި ބާކީ 35% ގެ ތެރޭގައި،ސައްކެޔޮގަސް، ހިތިގަސް އަދި ދަނބުގަސް،ފަދަ ގަސް ހިމެނިގެންދާނެއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.