މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ02 ނޮވެމްބަރ 2022


އަވަށު ސްކޫލްތައް ހިންގުމުގައި ސަރުކާރުން ކައުންސިލަށް އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރަން: މޭޔަރު މުޢިއްޒު

ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އަވަށު ސްކޫލްތައް ހިންގުމުގައި ސަރުކާރުން ކައުންސިލަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމި ޙަފްލާ ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ނުދެއްވުމުން އެކަމަށް ޢިޝާރާތް ކުރައްވާ މިއަދުގެ ކައުންސިލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޅުގަނޑުމެން ވަރަށް ހެޔޮނިޔަތުގަ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ ޓީޗަރުންނާއި މެނޭޖްމެންޓާއި މުވައްޒަފުންގެ އަގުވަޒަންކުރަން މަސައްކަތްކުރީ. އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ކުޑަ މިންވަރު .ކުރިއަށްއޮތް އަހަރަށްވެސް ކުރެވޭނެ ރަނގަޅުކަމެއްގެ ގޮތުގައި ފެނުނީ އެކަން އަޅުގަނޑުމެން ކުރިއަށް ގެންދަން. އެހެން ނަމަވެސް އެކަން އެދިޔައީ ނުކުރެވި. އެހެންނަމަވެސް ރަމްޒީ ގޮތެއްގައި ނަމަވެސް އިއްޔެ އެ ސްކޫލްތަކަށް ހަދިޔާ ހަވާލުކުރީ.

މޭޔަރު ވިދާޅުވީ މުދައްރިސުންގެ ދުވަސް އައުމުން މާލެ ސިޓީ ކައުންސިލުން ހިންގާ ސްކޫލްތަކުގެ ޓީޗަރުންގެ އަގުވަޒަންކުރަން ކަމެއްކުރުމަކީ ކައުންސިލާއި ހަވާލުކޮށްފަ އޮތް މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އިވެންޓް ކޮމެޓީއިން ކައުންސިލުން ބަލަހައްޓާ 3 ސްކޫލްގައި ޓީޗަރުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޚާއްސަ ޙަފްލާއެއް ބޭއްވުމަށް ނިންމިނަމަވެސް އެ ތާރީޚުގައި އެ ޙަފްލާ ނުބޭއްވުމުން ނޮވެމްބަރު 1 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ މި 3 ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނަށް މި ހަދިޔާތައް ހަވާލުކޮށްފައެވެ. މި ހަދިޔާތައް ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މޭޔަރ ވަނީ ނަޞްރުގެ ދުވަހުގެ ހަނދާން އާކޮށް އެދުވަހު ޝަހީދުވީ ފަރާތްތަކުގެ ޒިކުރާއާކޮށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެކަން ފާހަގަކޮށް އެ އާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.