މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ30 ނޮވެމްބަރ 2022


މާލެ ސިޓީ ކައުންސިލުން 380 ކާނުމަތި ބަދަލުކޮށްފި

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް މިހާރުގެ ކައުންސިލުން ހަވާލުވީފަހުން މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުރި 300 އަށް ވުރެ ގިނަ ކާނު ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 18 މަސް ވެފައި ވާއިރު ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ދަނީ ހިއްސާ ކުރެވެމުންނެވެ. އެގޮތުން ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ބަދަލުކުރެވިފައިވާ ކާނުތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މާލޭގެ އެކި މަގުތަކުން މިހާތަނަށް 300 އަށްވުރެ ގިނަ ކާނު ވަނީ ބަދަލުކުރެވިފައެވެ.

މާލެ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހާއި ހަމައަށް 80 މަގަކުން 160 ހަލާކުވެފައި ހުރި ކާނު ވަނީ ބަދަލު ކޮށްފައެވެ.

2022 ވަނައަހަރު ފެށިގެން އައިއިރުވެސް ހަލާކުވެފައި ހުރި ކާނުތައް ބަދަލު ކުރުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް 119 މަގަކުން ހަލާކުވެފައިވާ 220 ކާނު ވަނީ ބަދަލުކޮށްފައެވެ.

އެހެން ކަމުން މާލެ ސިޓީ ކައުންސިލުގެ 18 މަސް ދުވަސް ވީއިރު އެކު ޖުމްލަ 199 މަގަކުން ހަލާކުވެފައިވާ 380 ކާނު ވަނީ ބަދަލުކޮށްފައެވެ.

ކާނުތައް ބަދަލުކުރުމުގެ މަސައްކަތާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ހަވާލުވެހުންނެވި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވީ ބަޖެޓްގެ ދަތިކަމާއެކުވެސް މާލެސިޓީ ކައުންސިލުން އަންނަނީ މާލެސިޓީގެ މަގުތަކުގައި ހަލާކުވެފައިހުރި ކާނުތަކުގެ މަތިގަނޑުތައް ބަދަލުކުރަމުން ކަމަށެވެ.

މާލޭގެ މަގުތަކުގައި ހަލާކުވެފައިހުންނަ ކާނުތައް ބަދަލުކުރުމުގެ މަސައްކަތަކީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭބައިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.