ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު

މާލެ ސިޓީ ކައުންސިލް އިދާރާ19 ޖަނަވަރީ 2023


ކައުންސިލާއި މަޝްވަރާނުކޮށް ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ސަރުކާރަށް ޤާނޫނީ ހައިސިއްޔަތު ލިބިގެންނުވޭ: ސައިފް

ލާމަރުކަޒީ ނިޒާމާއި، ކައުންސިލްތައް އެއްފަރާތް ކުރުމަށްފަހު،މާލެ ސިޓީ ކައުންސިލާއި އެއްގޮތަކަށްވެސް މަޝްވަރާ ކުރުމެއްނެތި، ކައުންސިލްގެ ރުހުމާއި ޤަބޫލެއްނެތި އެމްޓީސީސީ އަކަށްވެސް އަދި އެހެން ބަޔަކަށްވެސް ވިލިމާލެއަށް އެއްވެސް އެއްޗެއް ނޭރުވޭނެ ކަމަށާއި، އެއީ ޤާނޫނީގޮތުން އެބޭފުޅުންނަށް ހައިސިއްޔަތު ލިބިގެންވާ ކަމެއްނޫން ކަމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

އަޅުގަނޑުމެންނާ އެއްގޮތަކަށްވެސް މަޝްވަރާ ކުރުމެއްނެތި، އަޅުގަނޑުމެންގެ ރުހުމާއި ޤަބޫލެއްނެތި އެމްޓީސީސީ އަކަށްވެސް އަދި އެހެން ބަޔަކަށްވެސް ވިލިމާލެއަށް އެއްވެސް އެއްޗެއް ނޭރުވޭނެ ،އެއީ ޤާނޫނީގޮތުން އެބޭފުޅުންނަށް ހައިސިއްޔަތު ލިބިގެންވާ ކަމެއްނޫން.

ސައިފް ވިދާޅުވީ އަނެއްކާވެސް ފެނިގެން މިދަނީ ލާމަރުކަޒީ ނިޒާމު ފުނޑި ހަލާކުވެގެންދާގޮތަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދައުރު ފުޅާވެގެންދާ މަންޒަރު ކަމަށެވެ.

އަނެއްކާވެސް ލާމަރުކަޒީ ނިޒާމު ފުނޑިގެން ދާގޮތަށް ހަލާކުވެގެން ދާގޮތަށް ފިތިގެންދާގޮތަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދައުރު ފުޅާވެގެން މިދަނީ . އަޅުގަނޑުމެން އަނެއްކާވެސް ދަންނަވަންޖެހެނީ މިކަމާ ހިތާމަ ކުރާ ވާހަކަ. މިބާވަތަށް މިގޮތަށް މިޒާތަށް ސަރުކާރުން ޢަމަލުކުރުން ހުއްޓާލުމަށް އަޅުގަނޑުމެން މިދަންނަވަނީ.

ރައްޔިތުންގެ ސީދާ ވޯޓުން ލޯކަލް ކައުންސިލްތައް ހޮވާ އެ ކައުންސިލްތަކަށް ވަނީ ލޯކަލް ފެންވަރުގައި މުނިސިޕަލް ޚިދުމަތްތައް ހިންގުމުގެ އިޚްތިޔާރާއި ބާރުދީފައި ކަމަށް ސައިފް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ފެންނަނީ އެބާރު ކައުންސިލްތަކުގެ އަތުން ނިގުޅައިގަނެގެން ރައްޔިތުންނާ އެއްވެސް ގުޅުމެއްނެތް ސަރުކާރު ހިއްސާވާ ކުންފުނިތަކެއް މީގެތެރެއަށް ވަދެގެން އުޅޭ މަންޒަރު ކަމަށްވެސް ސައިފް ވިދާޅުވިއެވެ. އަދި ކައުންސިލަކީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން އިންތިޚާބު ވެފައިވާތަނަކަށްވެފައި ކައުންސިލުން ކޮންމެ ފިޔަވަޅެއްއަޅަނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށްވާއިރު، މިކަމުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައި ސައިފް ތަކުރާރުކުރެއްވިއެވެ.

ކައުންސިލުން ކޮންމެ ފިޔަވަޅެއްއަޅަނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށްވާއިރު،މިގޮތަށް ހިންގެން އޮތް ޕްރޮސެސްއެއް އޮޅާލާފަ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ އެމްޑީއަކާ، ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޯޑެއް ތިބެގެން އެ ބޯޑުތަކާއި ކުންފުނިތައް މެދުވެރިކޮށް ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑޭގޮތަށް ،ކައުންސިލްތަކުގެ ދައުރު އެއްކޮށް ގެއްލޭ ގޮތަށް އެބޭފުޅުންނަށް މަސައްކަތްތަކާއި ހަވާލުވެ ވަޑައެއް ނުގެންނެވޭނެ.

މީގެ އިތުރުން ސައިފް ވިދާޅުވީ މާލެ ސިޓީގެ އަވަށެއްގައި ދެމުންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތެއް ރައްޔިތުންނާއި ވާހަކަ ދައްކައިގެން ވަކިގޮތަކަށް ދޭން ކައުންސިލުން ނިންމާފަ އޮއްވާ ކުއްލިއަކަށް ސަރުކާރުން މި ބަސް ޚިދުމަތްދޭން ނިންމިއިރު، އެތަނަށް ބަސްތަކެއް އަރުވާކަށް ވިލިމާލޭގެ ރައްޔިތުން އެއްގޮތަކަށްވެސް ނޭދޭ ކަމަށެވެ. އަދި ކައުންސިލުން މިކަންކުރަނީ ވިލިމާލޭގެ ރައްޔިތުންނާއި ވާހަކަ ދެކެވި ވެވިފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތީން ކަމުގައި ސައިފް ވިދާޅުވިއެވެ.

އެތަނަށް ބަސްތަކެއް އަރުވާ އެތަން ތޮއްޖައްސާކަށް ބޭނުމެއްނޫން. ސަރުކާރުން އެހާވަރަށް ލާމަރުކަޒީ ނިޒާމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅު ކަމުގައިވާނަމަ މަޝްވަރާ ކުރައްވަންޖެހޭ. ކައުންސިލްގެ އަމާޒަކީ ސަރުކާރުން މާމޮޅުގޮތެއް ދެއްކީމައި އެކަން ނުކުރުމެއްނޫން. ކައުންސިލާއި މަޝްވަރާކުރަންޖެހޭނެ ނިންމާ ކޮންމެ ނިންމުމަކާމެދު .މިއީ އަޅުގަނޑުމެންނަށް ލާމަޒރުކަޒީ ނިޒާމުން ލިބޭ ބާރުތައް. އެބާރުތަކެއް ބޯޑުތަކާއި އެމްޑީން މެދުވެރިކޮށް ރައީސް އަކަށް ނުނެންގެވޭނެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުން އަންނަ ފެބްރުއަރީ މަހު ކުރީކޮޅު ފެށުމަށް ނިންމާފައިވަނިކޮށް ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ނިންމުމުން މޭޔަރާއި ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަން ވަނީ އެލްޖީއޭ އާއި ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.