މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މާލެ ސިޓީ ކައުންސިލް އިދާރާ20 ޖަނަވަރީ 2023


ސަރުކާރުން ޕްރޮމޯޓްކުރި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ނުކުމެ ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޑެޕިއުޓީ މޭޔަރު ނަރީޝް

ސަރުކާރުން ޕްރޮމޯޓްކުރި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ނުކުމެ ހުރަސް އެޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއްނޫން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ ސަރުކާރުގެ ހުއްދައާއިއެކު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ކައުންސިލާއި މަޝްވަރާކުރުމެއްނެތި ސަރުކާރުން ބަސް ޚިދުމަތް ފަށަން ނިންމި ނިންމުމާއި ދެކޮޅަށް ކައުންސިލްގެ 85 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން ޕްރޮމޯޓްކުރި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ނުކުމެ ހުރަސް އެޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއްނޫން. ސަރުކާރުން އަބަދުވެސް ކަންކަން ކުރަމުން ދަނީ މި އުޞޫލުން

ސަރުކާރުގެ ބަސް ޚިދުމަތާއި ގުޅިގެން ނަރީޝް ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވަން ސަރުކާރުން ގެންނަނީ އިލެކްޓްރިކް ބަސް ކަމަށް ބުނެ ފުރަތަމަގެނައީ ޑީސަލް ބަސްތަކެއް ކަމަށާއި، އެއަށްފަހު، ޓްރާންސްޕޯޓް މިނިސްޓްރީއިން މައްސަލަ ޖެއްސުމުން އިލެކްޓްރިކް ބަސްކޮޅެއް ގެނެސް އެމްޑީޕީގެ ޕްރައިމަރީ އާއި ދިމާކޮށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އެ ބަސްތައް ވިލިމާލެއަށް ގެންދިޔައީ ކަމަށެވެ.

ކުއްލިއަކަށް ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމި އިރު ކައުންސިލާއި އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ކައުންސިލުން ބަގީގެ ޚިދުމަތާއި ގުޅިގެން ކުރި މަސައްކަތަކީ ސަރުކާރަށް ސާފުވާނެ ކަމެއް ކަމުގައި ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ބަހުގެ ޚިދުމަތް ސަރުކާރުން ވިލިމާލޭގައި ދޭން ނިންމިއިރު މާލެ ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ސަރުކާރާއި ގުޅިގެން ކޮށްފައިވާކަންވެސް މިސަރުކާރަށް ސާފުނުވާ ކަމަށެވެ.

މިއީ ރައީސް އޮފީހަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް އަދި އެމްޓީސީއަށްވެސް ސާފުވާންއޮތް ކަމެއް. މިހާ ސާފުކޮށް އޮތް ކަމެއްގަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެމްޕޭނަށް ވީމަ ކުއްލިއަކަށް ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ޖެހިއްޖެ. މިއީއެއްނޫން މިކަން ކުރަންޖެހޭ ގޮތަކީ

ނަރީޝް ވިދާޅުވީ ވިލިމާލެ ކަހަލަ ހިތްފަސޭހަ ތަނަކަށް ބޮޑެތި ބަސްތަކެއް އަރުވައިގެން ރައްޔިތުންނަށް ޖެހޭނީ ތަކުލީފުތަކެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އެދޭ ހުރިހާ ކަމެއްގައި މާލެ ސިޓީ ކައުންސިލުން ވާނީ ފުރިހަމަޔަށް އެއްބާރުލުންދީފައި ކަމަށާއި، އެހެންކަމުން ކައުންސިލުން ސަރުކާރުގެ ހުއްދައާއި، ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއިއެކު، އެތަނުގައި ޚިދުމަތެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭންވާނީ މާލެ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.