މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 ޖަނަވަރީ 2025


ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު އެކްސްޕޯ 2025 ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ދެވިދާނެ އެއްބާރުލުމާއި އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި.

ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު އެކްސްޕޯ 2025 ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ދެވިދާނެ އެއްބާރުލުމާއި އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނާއި، މާލެ ކައުންސިލާ ދެމެދު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ، އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްގެ އިތުރުން ކައުންސިލަރުންނާއި، ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ސާމިހް އަދާމާއި އެ ކުންފުނީގެ އެހެނިހެން އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އަހަރުގެ މެހި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު، ކުންފުނިތަކަށް ވެސް ހުޅުވާލެވިފައިވާއިރު، މާލެ ސިޓީ ކައުންސިލަށް ވެސް، މި މަޢުރަޒުގައި 15 އުފެއްދުމެއް ބައިވެރިކުރެވޭނެ ކަމަށް ބީސީސީން ބަނެފައިވެއެވެ. އަދި މީގެ އިތުރުން މި އެކްސްޕޯ ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވާރާކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން މޭޔަރ، އާދަމް ޢާޒިމް ވިދާޅުވީ ''މި ކަމަކީ މި ކައުންސިލުން ވަރަށް ބޮޑަށް ހިތްވަރުދޭ ކަމެއް ކަމަށާއި ވަރަށް ގިނަ ރައްޔިތުންނަށް މި ކަމުގެ ސަބަބުން ފައިދާ ވާނެ ކަމެއްކަމަށް ވާތީ، މި މަޢުރަޒުގެ އިންތިޒާމްތަކަށް، މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން، އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ''

19 މެއި 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، މި އަހަރުގެ މެއި މަހު، މި މަޢުރަޒު ބޭއްވުމަށް ނިންމަވާފައިވާފައެވެ.