ހުޅުމާލެ ފޭސް 2 ގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މަސްޖިދުލް އަމީން ޖަލީލް އަދި ހުޅުމާލެ ސަހަރާ މިސްކިތުގެ ހާލަތު މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި މޭޔަރުގެ އަރިހުގައި ޑެޕިއުޓީ މޭޔަރ މީކާއީލް މުހައްމަދު ރިޔާޟް އާއި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އާއި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީޙް ޙަނީފްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތަކީ މި ދެ މިސްކިތުގައި ކުރަންޖެހޭ މަރާމާތުތަކާއި، މިހާރުވެސް ކުރިއަށްދާ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ނަމާދުކުރަން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ހުރި ގޮތް މި ޒިޔާރަތުގައި ވަނީ ބަލާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މިސްކިތްތަކަކީ އަބަދުވެސް ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވުމަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މިސްކިތްތަކަކީ އާންމުންނަށް ހިތްފަސޭހަ އަދި ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލުން މެދުނުކެނޑި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ވަނީ ދެއްވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މިހާރު ޖުމްލަ 41 މިސްކިތެއް ހުރެއެވެ. މި ހުރިހާ މިސްކިތްތަކެއްގެ ބެލެހެއްޓުމާއި މަރާމާތުގެ މަސައްކަތްތައް ކައުންސިލުން އަންނަނީ ރާވައިގެން ކުރިއަށް ގެންދަމުންނެވެ.
