ހުޅުމާލެ އޮޑިވެރިންގެ ޖަމިއްޔާ އާއި މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން ހުރި ކަންބޮޑުވުންތައް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރުންނާ ހިއްސާކޮށްފިއެވެ.
މޭޔަރާއީ ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލަރުން ވަނީ އާދިއްތަ ދުވަހު ހުޅުމާލޭގެ ވަގުތީ ޑިންގީ ޖެޓީ ސަރަހައްދު ބައްލަވާލެއްވުމަށް އެސަރަހައްދަ ވަޑައިގެންފައެވެ.
މީގެ އިތުރުން މި ދެ ޖައްމިއްޔާގެ އިސްވެރިންނާއެކު، ހުޅުމާލޭގެ ކައުންސިލަރުއިންގެ އިސްނެންގެވުމާއެކު ވަނީ، ހުޅުމާލެ ކައުންސިލްގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ޖަމިއްޔާގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ބޭނުންވާ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ދާއިމީ ބަދަރެއް ނެތުމުގެ މައްސަލައެވެ. އަދި ޑިންގީތައް އަޅާފައި އޮންނަ ސަރަހައްދު އަދިރިކޮށް އޮތުމާއި ލޯންޗުތަކަށް ބޭނުންވާ ސަޕްލައި ފެނާއި ތެޔޮ، އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ނެތުމުންނެވެ.
މަސްވެރިންގެ ފަރާތުން އެދިފައިވަނީ މަސްވެރިންގެ ޖަގަހައިގެ މަސައްކަތް ނިންމައިދިނުމަށެވެ. އަދި އިރުވާ މޫސުން އަންނަންވާއިރަށް ބޭރު ތޮށި އިތުރަށް ބޭރަށް ނެރެ، ފަޅުތެރެއަށް ރާޅުގެ އަސަރު ނުކުރާނެ ގޮތް ހެދުމާއި، ބޭރު ކަށީގައި ނެރު ބައްތި ޖެހުމަކީވެސް މަސްވެރިންނާއި އޮޑިވެރިންގެ ބޮޑު އެދުމެކެވެ.
ޑިންގީތައް މަރާމާތު ކުރުމަށްޓަކައި ފައިބަރު ކުރުމާއި ކުދިކުދި މަސައްކަތްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، މަސް ގަންނަން އަންނަ މީހުންނަށް އެ ސަރަހައްދަށް ފަސޭހައިން ވަދެވޭނެ އިންތިޒާމެއް ގާއިމުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.
މި ކަންކަމާ ގުޅޭގޮތުން މޭޔަރ ޢާޒިމް އާޒިމް ވިދާޅުވީ، މި މައްސަލަތަކަކީ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ވީ އެންމެ އަވަހަކަށް ހައްލު ހޯދަންޖެހޭ ކަންކަން ކަމަށެވެ. ދެ ޖަމިއްޔާގެ ފަރާތުންވެސް ވަނީ މި ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މޭޔަރުގެ އަރިހުން އެދިފައެވެ.
