މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 ޖޫން 2026


ކައުންސިލްގެ ސެކްޝަންތަކުގެ މަސައްކަތްތައް އައު ކައުންސިލަރުންނަށް ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

މާލެ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ހަލުވިކުރުމުގެ މަގުސަދުގައި، ކައުންސިލްގެ އެކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އަލަށް އިންތިހާބުވެ ވަޑައިގެންނެވި ކައުންސިލަރުންނަށް ހިއްސާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މެންހަޓަން ބިޒްނަސް ހޮޓަލުގައި ކުރިއަށްދިޔަ މި ބައްދަލުވުން ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމްއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތައް ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ދިނުމަށް މުވައްޒަފުންގެ ދަތިކަން ހުރިކަމަށާއި އެކަން ހައްލުކުރުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ތަފްސީލީ ޕްރެޒެންޓޭޝަންތަކެއް ވަނީ ހުށަހަޅާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން، ސެކްޝަންތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ސުވާލުކޮށް، މައުލޫމާތު ސާފުކޮށްފައެވެ. އަދި ކައުންސިލްގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އިދާރީ ހިންގުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ.