ޕްރެސް ރިލީސް

މާލެ ސިޓީ ކައުންސިލް އިދާރާ28 ޑިސެމްބަރ 2021

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް އެޗްޑީސީއިން ކުރި އިޢުލާނާއި ގުޅޭ

ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1603.07(އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް)
އަކަފޫޓާއި 2,633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް) ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުވާލި ހުޅުވާލުމަކީ މާލެ ސިޓީކައުންސިލުން ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ.

މާލެ ސިޓީކައުންސިލުން ޤަބޫލުކުރާގޮތުގައި،ހުޅުމާލެ އަކީ މާލެ ސިޓީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ތަނަކަށްވެފައި، މާލެ ސިޓީކައުންސިލްގެ އެއްވެސް ބަހެއްނެތި،މާލެ ސިޓީގައި ދިރިއުޅޭ މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން މިހާރުން މިހާރަށް ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުޞަތުނުދީ، ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ހުޅުވާލުން މިކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

އަދި ދަންނަވަމެވެ. މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފްކަމެއް ކަމުގައި ދެންނެވީމެވެ.

ލާމަރުކަޒީ ޤާނޫނުގެ 5 ވަނަ ބާބުގެ 39 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާފަދައިން މާލެ ސިޓީކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭބިމެއް ބޭނުންކުރާނަމަ އެކަމާއި ގުޅޭގޮތުން މާލެ ސިޓީކައުންސިލާއި މަޝްވަރާ ކުރަންޖެހޭނެއެވެ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމުގައި ބަޔާންކޮށްފައިވާފަދައިން ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައިނުވާއިރު، އެޗްޑީސީއިންވެސް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް މިކައުންސިލާއި އެކު އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކުރިއަށް ގެންގޮސްފައިނުވެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑު ޖައްސާލުމަށް ސިވިލްކޯޓުން މި ކައުންސިލަށް އަންގާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން ހުޅުމާލެ ބިމުގެ ވެރިފަރާތާއިމެދު ވަކިގޮތެއްނުނިމި ކޯޓު މަރުޙަލާގައި އޮއްވައި އެޗްޑީސީއިން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ޤާނޫނީ ގޮތުންވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއްނޫންކަމުގައި ދެކެމެވެ. ވީމާ ސަރުކާރުގެ މި ސިޔާސަތު ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ.

މާލެ ސިޓީކައުންސިލުން އަބަދުވެސް އެދެނީ މާލެ ސިޓީގެ ރައްޔިތުންނަކީ އުފާވެރި ރިވެތި ދިރިއުޅުމެއް އުޅެވޭނެ ބައެއްކަމުގައިވުމެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ހޯދައިދިނުމަކީ މި ކައުންސިލުން އަބަދުވެސް މަސައްކަތްކުރާނެ ކަމެއްކަމުގައި ދަންނަވަމެވެ.

28 ޑިސެމްބަރު 2021

ގުޅުންހުރި ޑޮކިޔުމެންޓްތައް

Noosbayaan HDC001-1645328662835.pdf