މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 08 ސެޕްޓެމްބަރ 2026


ލިޔަންކިޔަން ދަތުމަކީ ބާރުވެރި މުޖުތަމައެއް ބިނާކުރުމުގެ މައިގަނޑު އަސާސް: މޭޔަރ ޢާޒިމް

ލިޔަންކިޔަން ދަތުމަކީ ފުރުސަތުތައް ފަހިކޮށްދިނުމާއި، އިންސާނީ ކަރާމާތް ދެމެހެއްޓުމުގެ އިތުރުން، ބާރުވެރި މުޖުތަމައެއް ބިނާކުރުމުގެ މައިގަނޑު އަސާސް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ލިޔަންކިޔަން ދަތުމަކީ ހަމައެކަނި އަކުރު އެނގުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމާއި، އިންސާނީ ކަރާމާތް ދެމެހެއްޓުމުގެ އިތުރުން، ފުރިހަމަ އަދި ބާރުވެރި މުޖުތަމައެއް ބިނާކުރުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ. އަދި އެ ހައިސިއްޔަތުން، ތައުލީމީ، ހަމަހަމަ ފުރުސަތުތަކެއް ލިބޭ، އަދި ކޮންމެ ރައްޔިތަކުވެސް ބައިވެރިވެ ބާރުވެރިވެވޭނެ ފަދަ މާލެ ސިޓީއެއް ބިނާކުރުމަށް ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ޝިއާރަކީ "ލިޔަންކިޔަން ދަތުން: އިންސާނުންނާއި، ދުނިޔެއާއި، ތަނަވަސްކަމަށްޓަކައި" މި ޝިއާރެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، މިއީ ވަރަށް މުހިންމު އަދި މާނަފުން ޝިއާރެއް ކަމަށެވެ. އެގޮތުން ލިޔަންކިޔަން ދަތުމުގެ ސަބަބުން ފަރުދުން ބާރުވެރިވެ، މުޖުތަމައުތައް އިތުރަށް ވަރުގަދަވެގެންދާ ކަމަށާއި، މިއީ ދެމެހެއްޓެނިވި ދުނިޔެއަކަށް މަގުފަހިކޮށްދީ، އިގްތިސާދީ އަދި އިޖުތިމާއީ ފުދުންތެރިކަމުގެ މަގުތައް ކޮށައިދޭ ކަމެއްކަން މި ޝިއާރުން ހަނދާންކޮށްދޭ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރ ޢާޒިމް ވަނީ ކޮންމެ މީހަކަށްމެ އުނގެނުމާއި، ކުރިއެރުމާއި، ބާއްޖަވެރި ދިރިއުޅުމެއް އުޅުމުގެ ހައްގާއި ފުރުސަތު ފުރިހަމައަށް ލިބިގެންދާނެ، ތައުލީމީ، އެންމެން ބައިވެރިވާ އަދި ބާރުވެރި މާލެ ސިޓީއެއް ބިނާކުރުމުގެ މަސައްކަތުގައި އެންމެން އެކުއެކީ ސާބިތުކަމާއެކު ކުރިއަށް ދިއުމަށް މާލޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާފައެވެ.