މާލެ ސިޓީ ކައުންސިލްގެ ދަށުން ހިންގަމުން އަންނަ "ކަލްޗަރަލް އެންޑް އިސްލާމިކް އެފެއާޒް" ކޮމިޓީގެ ނަން "އިސްލާމިކް އެންޑް ކަލްޗަރަލް އެފެއާޒް" ކޮމިޓީގެ ނަމަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މި ގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި ނިންމުން ފާސްކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި ކޮމިޓީއަކީ މާލެ ސިޓީ ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، ކައުންސިލްގެ ނިންމުންތައް ނިންމުމުގައި މާލޭގެ މޭޔަރަށް ބޭނުންވާ ފަންނީ އަދި އިދާރީ ލަފާދިނުމުގެ ދައުރު އަދާކުރުމަށްޓަކައި އެކުލަވާލާފައިވާ ޚާއްޞަ ކޮމިޓީތަކުގެ ތެރެއިން އެއް ކޮމިޓީއެވެ.
މި ނަން ބަދަލުކުރުމާ ގުޅިގެން ދެން އެ ކޮމިޓީގެ ހުރިހާ ރަސްމީ މުއާމަލާތްތަކެއް ހިނގަމުންދާނީ "އިސްލާމިކް އެންޑް ކަލްޗަރަލް އެފެއާޒް ކޮމިޓީ" ގެ ނަމުގައެވެ.
މި ބަދަލާއެކު އިސްލާމީ ކަންކަމަށާއި ސަގާފީ ކަންކަމަށް ކައުންސިލުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހާމަވެގެންދާނެ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
