މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް09 ސެޕްޓެމްބަރ 2026


މާލޭގައި ދުއްވާ ވެހިކަލްތަކުގެ ކަންކަން އިންތިޒާމުކުރުމަށް އެކުލަވާލި ރިޕޯޓަށް އަމަލުކުރުމަށް ކައުންސިލުން ފާސްކޮށްފި

މާލެ ސިޓީގެ މަގުމަތީގައި އިންޖީނުލީ އަދި އިންޖީނުނުލާ އުޅަނދުފަހަރު ދުއްވުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ ޚާއްޞަ ރިޕޯޓަށް އަމަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ ދަށުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ގޮތުންނެވެ.

މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

މި ޖަލްސާގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ "އެސެސްމެންޓް ޓު ޑިޓާމިން ވެހިކަލް ރެސްޓްރިކްޝަންސް އިން ދަ ގްރޭޓަރ މާލެ ރީޖަން (ޖީ.އެމް.އާރް)" ރިޕޯޓާ ގުޅޭގޮތުންނެވެ.

މި ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް ވިދާޅުވީ، މިއީ ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އެކުލަވާލާފައިވާ އެސެސްމެންޓް ރިޕޯޓެއް ކަމަށެވެ. އަދި މިފަދަ އެސެސްމެންޓެއް ހެދުމަކީ ކައުންސިލަށް ލާޒިމުކަމެއް ކަމަށާއި، މި ރިޕޯޓުގައި ހިމެނޭ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް އަމަލުކުރުމަށް ކައުންސިލަށް ހުށަހެޅީ ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

މި މައުޟޫއަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ކައުންސިލްގެ ވަރަށް ގިނަ ޒިންމާތައް މަރުކަޒީ ސަރުކާރުން އުފުލާ ގޮތަށް ގާނޫނެއް ފާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގައި ހިންގާ ހުރިހާ ކަމެއްގެ ތެރެއަށް ސަރުކާރުން ވަދެ، ކައުންސިލްގެ ބާރުތައް ކަނޑުވާލުމަށް ބިލެއް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ފުރުޝާން ވިދާޅުވީ، ކަންކަން ކުރެވޭނީ ކައުންސިލްގެ މައްޗަށް ސަރުކާރުން އިސްވެ ތިބެގެން ކަމަށް ބުނަމުންދާތީ، ކައުންސިލްގެ ނަމުގައި މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.