މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 ސެޕްޓެމްބަރ 2026


ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމަށް ސޯޝަލް އަދި ރެގިއުލޭޓަރީ ކޮމިޓީ އަށް!

މާލެ ސިޓީގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކުގެ ޙާލަތު ބެލުމަށްފަހު ކަމާބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓު ފޮނުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލްގެ ސޯޝަލް ކޮމިޓީ އަދި ރެގިއުލޭޓަރީ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.

މި ނިންމުން ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި، ރަށުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް ބަލަހައްޓައި، އެ ފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބެލުމަށްފަހު ކޮންމެ 4 މަހުން 1 މަހު ކަމާބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓު ފޮނުވަން ޖެހެއެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް ވިދާޅުވީ، ކައުންސިލަލުންގެ ދާއިރާތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކިތައް މީހުން ތިބިތޯ ބެލުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ކައުންސިލަރުންނަކީ ރައްޔިތުންގެ ޙައްޤުގައި ކަންކަން ކުރުމަށް އިންތިޚާބުކޮށްފައިވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައުޟޫޢުގައި ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން ވިދާޅުވީ، މިއީ ކައުންސިލްގެ ވެސް ޙިއްޞާ އޮވެގެން ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް އެއްކުރެވިފައިވާ މަޢުލޫމާތުތައް ނުލިބިގެން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި ކައުންސިލުން އެއްބާރުލުން ދެމުންދާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ މިފަދަ މުހިންމު ކަމެއްގައި ސަރުކާރުން އަޅާނުލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖެންޑަރ މިނިސްޓްރީން މިކަމާ ގުޅޭ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރަންޖެހޭ ކަމަށްވެސް ފުރުޝާން ވިދާޅުވިއެވެ.

މީގެއިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާޠިމަތު ސަހުލާ ވިދާޅުވީ، މިކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިދާނެ ކަމާމެދު ޤަބޫލުކުރަން ދަތި ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން އެއްބާރުލުން ނުދިން ކަމުގައި ވިޔަސް އަތްއުރާލައިގެން ތިބެވެން ނެތް ކަމަށާއި، މިއީ ނުހަނު ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދަންޖެހޭ މުހިންމު މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.