މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް09 ސެޕްޓެމްބަރ 2026


އަމީލް ޖަލީލް މިސްކިތް އޭސީކޮށް، ފާޚާނާ ބަރި އަލުން އިމާރާތްކުރަން ކައުންސިލުން ނިންމައިފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމީލް ޖަލީލް މިސްކިތް އޭސީ ކުރުމަށާއި، އެ މިސްކިތުގެ ފާޚާނާތައް މިހާރު ހުރިގޮތް ބަދަލުކޮށް އައު ފާޚާނާ ބަރިއެއް އިމާރާތް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ކައުންސިލް ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، އަމީލް ޖަލީލް މިސްކިތުގައި ދެ މަސައްކަތެއް ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ މިސްކިތް އޭސީ ކުރުމެވެ. ޒަހިއްޔާ ފާހަގަކުރެއްވި ގޮތުގައި، ޚާއްސަކޮށް މެންދުރު ނަމާދު ވަގުތުގައި މިސްކިތް އާދަޔާ ޚިލާފަށް ހޫނުގަދަވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ. އަދި މިސްކިތް އިމާރާތްކޮށްފައިވާ ގޮތުން، އޭސީ ކުރުމަށްޓަކައި އިތުރު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، މިސްކިތުގެ ފުރާޅު ޑިޒައިންކޮށްފައިވަނީ ވައި ބޭރުވާ ގޮތަށް ކަމަށްވާތީ އެކަމަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ މިސްކިތުގެ ފާޚާނާތައް އަލުން އިމާރާތްކުރުމަށެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަހިއްޔާ ވިދާޅުވީ، މިހާރު އެ މިސްކިތުގައި ފާޚާނާ ހުންނަނީ ޕާޓީޝަން ޖަހައިގެން ހަދާފައި ކަމަށެވެ. އަދި ފާޚާނާ ހުންނަ ގޮތުން، އެ ބައިގައި ގާއިމުކޮށްފައިވާ ވުޟޫކުރާ ތަނުގައި ތިބޭއިރު ނުބައިވަސް ދުވާތީ، އެކަމުގެ އުނދަގޫ ބޮޑުވެގެން އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"މިކަމަށް އޮތް ހައްލަކީ ތިރިވެސް އެއްކޮށް ކަވަރު ކުރެވި، އަދި ސީލިންގް ވެސް ކުރެވި، ފާޚާނާގެ ދޮރު ލެއްޕިފައި ހުންނައިރު، ވަސް ބޭރުނުވާނެ ފަދަ ގޮތަކަށް ފާޚާނާ އިމާރާތްކުރުން،" ޒަހިއްޔާ ވިދާޅުވިއެވެ.

ކައުންސިލުން ނިންމި މި ނިންމުމާ އެކު، އަމީލް ޖަލީލް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް ލުއިފަސޭހަ އަދި އަރާމު މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.