ވިލިމާލެ ފަޅުތެރެ

މާލެ ސިޓީ ކައުންސިލް 15 ސެޕްޓެމްބަރ 2026


ވިލިމާލެ ފަޅުން ޤަވާއިދާ ޚިލާފުވި 11 އުޅަނދެއް ޖޫރިމަނާ ކޮށްފި

ވިލިމާލެ ފަޅުތެރެ ތަރުތީބުކޮށް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދިޔަ 11 އުޅަނދެއް ޖޫރިމަނާ ކޮށްފިއެވެ.

ޖޫރިމަނާ ކުރެވުނު އުޅަނދުތަކަކީ ޤަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި މި އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ، ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

ވިލިމާލޭގެ ފަޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ސަރަހައްދަކަށް ވާއިރު، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ކައުންސިލުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަމާ ގުޅިގެން ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ އެންމެހައި ޤަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ޤަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދާ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް ކައުންސިލުން ވަނީ ދެއްވާފައެވެ.