މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް އަމާން ރައްކާތެރި، ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ގަލޮޅު ސިޓީ ޕާކާއި އިންވެގެން ދެކުނަށް އޮންނަ ބާއިންޖީނު ހިނގުން މަރާމާތުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ބާއިންޖީނު ހިނގުން މަރާމާތުކުރުމުގެ މަސައްކަތަކީ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްކަންދީގެން ކައުންސިލުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސިޓީ ކައުންސިލްގެ އެންމެ އިސް އެއް އަމާޒުކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މި މަރާމާތުގެ ދަށުން ބާއިންޖީނު ހިނގުމުގައި ހަލާކުވެފައިވާ ސަރަޙައްދުތައް އަލުން ހެދުމާއި، ޕޭވްމަންޓް ގައުތައް އެތުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، މަގު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
ބާއިންޖީނު ހިނގުމަކީ ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ އާންމުންނާއި ދުއްވާ އެއްޗެހި ބޭނުންކުރާ މުހިންމު މަގަކަށް ވުމާއެކު، މި މަރާމާތުގެ މަސައްކަތް އެއްކޮށް ނިމުމުން އެ ސަރަޙައްދު ބޭނުންކުރާ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައާއި ހިނގާބިނގާވެ އުޅުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މާލެ ސިޓީ ކައުންސިލުން މިހާރުވެސް ދަނީ ވެރިރަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެފައިވާ މަގުތައް ދެނެގަނެ، އެ މަގުތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ.
