މާލެ ސިޓީ ކައުންސިލާއި މަގޫދޫ ކައުންސިލްގެ ބައްދަލުވުން ---

މާލެ ސިޓީ ކައުންސިލް 15 ސެޕްޓެމްބަރ 2026


މާލެ ސިޓީ ކައުންސިލާއި މަގޫދޫ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

މާލެ ސިޓީ ކައުންސިލާއި ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، ތަފާތު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާއެކު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި މޭޔަރ އާދަމް ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް އާއި މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު މޫސާ އަދި މަގޫދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އެގޮތުން މި ބައްދަލުވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދެ ކައުންސިލްގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށް މަގޫދޫ ކައުންސިލުން ނިންމި ނިންމުމެވެ.

މި ބައްދަލުވުމުގައި މޭޔަރ ޢާޒިމް ވަނީ މަގޫދޫ ކައުންސިލްގެ މެންބަރުން މާލެ ވަޑައިގެން މިފަދަ މަޝްވަރާއެއް ކުރެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލް ފަދަ ބޮޑު އިދާރާއަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، ފ. މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު މޫސާ ވަނީ މޭޔަރ ޢާޒިމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މާލޭގައި ދިރިއުޅޭ މަގޫދޫގެ ރައްޔިތުންނާއެކު ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު ބައްދަލުވުންތައް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ހޯލް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި މަގޫދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ކައުންސިލްގެ ރައީސް ވަނީ މޭޔަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގެ ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއް ކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަމާއި ތަޖުރިބާ ހިއްސާކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެ ކަމަށް ދެ ކައުންސިލުންވެސް ދެކެއެވެ.