ޢީދު މިސްކިތް ---

މާލެ ސިޓީ ކައުންސިލް 15 ސެޕްޓެމްބަރ 2026


މިސްކިތްތަކުން ވައްކަންކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް މޭޔަރ ޢާޒިމް ގޮވާލައްވައިފި

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިފަދަ ޢައިރު ޤާނޫނީ، ނާތަހުޒީބު ޢަމަލުތައް ހިންގާ ފަރާތްތައް ވީ އެންމެ އަވަހަކަށް ހޯދައި އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

މޭޔަރު ޢާޒިމް މިހެން ވިދާޅުވީ، މިފަހަކަށް އައިސް މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކުން ވައްކަން ކުރުމާއި، އެ ތަންތަނަށް އެކިވަރުގެ ގެއްލުންތައް ދިނުމުގެ މައްސަލަތައް އާންމުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު، އެންމެ ފަހުން އިއްޔެރޭގެ ވަގުތެއްގައި މަސްޖިދުއް ޢަފީފުއްދީން މިސްކިތުގެ ވުޟޫކުރާ ބައިގައި ހުރި ކާނުމަތިގަނޑު ވަނީ ވަގަށް ނަގާފައެވެ. ކައުންސިލުން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކުރުމުން، ފުލުހުން މިހާރު ވަނީ މިކަން ކުރި މީހާ އާއި މިސްކިތުން ވަގަށް ނެގި އެލްމެނިއަމް ކާނުމަތިގަނޑު ހޯދައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ތަންތަނަށް ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. މިގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާތަކާއި، ލައިޓް ތަކާއި ފެން އިސްކުރުތަކުގެ އިތުރުން ސައުންޑް ސިސްޓަމް ފަދަ އަގުބޮޑެތި ތަކެތި ވެސް ވަނީ މިފަހުން ވަގަށް ނަގާފައެވެ.

މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ނަމާދަށް އަރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރައެވެ. އަދި މީގެ އިތުރުން، މިކަމުގެ ސަބަބުން ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.