ސްރީލަންކާގެ ސާފިން ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އަރުގަމް ބޭ ސީރީޒް - އެސް.އެފް.އެސް.އެލް ސާފިން ޗެމްޕިއަންޝިޕް" ގެ އަންހެން އޯޕަންސް ކެޓަގަރީން ރާއްޖޭގެ އުމުރުން އެންމެ ނުވަ އަހަރުގެ އާލިޔާ ލަތީފް ހޯދި ތާރީޚީ ކާމިޔާބީއަކީ މުޅި ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
އުމުރުން 9 އަހަރުގެ އާލިޔާ ހޯދި މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން މަރުހަބާ ދަންނަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަރުގަދަ އަދި ތަޖުރިބާކާރު އެތުލީޓުންނާ ވާދަކޮށް، އޯޕަން ކެޓަގަރީން އެއްވަނަ ހޯދުމަކީ މިހާ ޅަ އުމުރެއްގައި އާލިޔާ ހޯދި ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. އަދި ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދިދަ ވިހުރުވައިދިނުމުގައި އާލިޔާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.
ސްރީލަންކާގެ މަޝްހޫރު އަރުގަމް ބޭގައި ކުރިއަށްދިޔަ މި މުބާރާތުގައި އާލިޔާ ދެއްކި މޮޅު ހުނަރާއެކު ލިބުނު މި ރަން މެޑައްޔަކީ، އޭނާގެ ރާޅާއެޅުމުގެ ހަޔާތުގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލްކަން ފާހަގަކޮށްލެވެއެވެ.
އުމުރުން އެންމެ ނުވަ އަހަރުގެ އާލިޔާ ބައިނަލްއަގުވާމީ މައިދާނުގައި ހޯދި މި ކާމިޔާބީއާއެކު، އޭނާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ރާޅާއެޅުމުގެ ދާއިރާއިން ބޮޑެތި އުއްމީދުތަކެއް ކުރެވޭ، މުސްތަގުބަލު އުޖާލާ އެތުލީޓަކަށެވެ. މި ކާމިޔާބީއަށް ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު މިހާރު ދަނީ އާލިޔާއަށް ލިބެމުންނެވެ.
