މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް

މާލެ ސިޓީ ކައުންސިލް 17 ސެޕްޓެމްބަރ 2026


މިއަދު ރައްޔިތުންނަށް ކުޑަވެސް ޚިދުމަތެއް ލިބެމުންދަނީ ކައުންސިލްތަކުން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވެއްޖެ

މިއަދު ރައްޔިތުންނަށް ކުޑަވެސް ޚިދުމަތެއް ލިބެމުންދަނީ ދައުލަތުގެ ބަޖެޓުން ލިބޭ ފަސް ޕަސެންޓުން ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކުން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި "ސަރުކާރުގެ ވައުދުތައް ނުފުއްދި ރައްޔިތުން އިތުރަށް ބިކަވަނީ، ޒިންމާ ވަނީ ކާކު؟" މި މައުޟޫއަށް ވާހަކަދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ގެންދަވަނީ ރައްޔިތުންނަށް ދޮގުހައްދަވައި، ކަންކަން އޮޅުވާލައްވަމުން ކަމަށެވެ. އަދި އަޅުގަނޑުމެންނަށް އަބަދުވެސް ދަސްވެފައި އޮންނަނީ އިޚްތިރާމް ލިބޭނީ އަނެކާއަށް އިޚްތިރާމް ދީގެން ކަމަށް ވާއިރު، ރައްޔިތުންނަށް ދޮގުހެދުމަކީ ރައްޔިތުންނަށް ކުރާ އިޚްތިރާމް ކުޑަކުރުމެއް ކަމުގައި މޭޔަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޢާޒިމް ވިދާޅުވީ، ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ފާހަގަވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އެއްވެސް އިޙްތިރާމެއް ނެތި އިސްރާފުކޮށް، ތަޅާބުރުވަމުންދާ މަންޒަރު ކަމަށެވެ.

"މިއީ ހިތާމަކުރަން ޖެހިފައިވާ ކަމެއް. މިއީ އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫން. ރައްޔިތުންގެ ކޮންމެ ފައިސާ ފޮއްޗެއް ވެސް ޚަރަދުކުރަން ޖެހޭނީ ރައްޔިތުންނަށް އޭގެ ފައިދާ ވާނެ ގޮތަށް، އުފަލެއް ލިބޭނެ ގޮތަށް. އެހެންނަމަވެސް ސަރުކާރުގެ ކަންކަން ހުރި ގޮތުން މިއަދު ފެންނަމުން މިދަނީ އެފަދަ އަމަލުތަކެއް ނޫން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޢާޒިމް ފާހަގަކުރެއްވީ، ކައުންސިލްތަކުން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދަނީ ބަޖެޓުގެ ކުޑަ މިންވަރަކުން ކަމުގައި ވިޔަސް، މިއަދު ފެންނަނީ އެ 5 ޕަސެންޓް ވެސް ކައުންސިލްތަކަށް ނުދީ ކަނޑާލަން ސަރުކާރުން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުންގެ ލާބައަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ސަރުކާރުގެ އެންމެ ބޮޑު "ޕްރޮޖެކްޓަކީ" ރައްޔިތު މީހާއަށް އެއްވެސް ކަމެއް ކޮށްނުދިނުމުގެ ޕްރޮޖެކްޓް ކަމަށެވެ.