މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިޚްލާޞްތެރިކަމާއެކު ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
މޭޔަރު ޢާޒިމް މިކަމަށް އެދިވަޑައިގަތީ މިއަދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާދަމާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާނަވީ ތަޢުލީމު ނިންމައި، އެތައް އަހަރެއްގެ ބުރަ މަސައްކަތުގެ ނަތީޖާ ދައްކުވައިދޭ މުހިންމު އިމްތިޙާނުތައް ފެށޭ ދުވަސް ކަމަށެވެ. އަދި މި މުހިންމު އަދި ތާރީޚީ މަރުޙަލާއާ ކުރިމަތިލާ އެންމެހައި ލޮބުވެތި ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ދަރިވަރުންނާ މުޚާޠަބުކުރައްވައި މޭޔަރު ވިދާޅުވީ، އެންމެ ބޮޑު އުންމީދަކީ އަދި އެދުމަކީ، މާދަމާ އިމްތިހާޏުގައި ބައިވެރިވާ ދަރިވަރުންނަކީ މި ލޮބުވެތި ދިވެހި ޤައުމުގެ އެކި ދާއިރާތަކާއި ކަންކަމުގައި އިސްނަގައި، ޤައުމުގެ އެންމެ މަތީ މަޤާމުތަކުގައި ޤައުމު ހިންގަން ތިބޭނެ ޤާބިލު، ޚިދުމަތްތެރި އަދި އަމާނާތްތެރި ދަރިންތަކަކަށް ވެގެން ދިއުން ކަމަށެވެ. އަދި ޤައުމުގެ މުސްތަޤުބަލު ބިނާވެފައިވަނީ އެ ކުދިންގެ ޢިލްމާއި، ހުނަރާއި، ހެޔޮ އަޚްލާޤުގެ މައްޗަށް ކަމުގައިވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މާތް ﷲ އެ ހުރިހާ ދަރިވަރުންގެ މަސައްކަތުގައި ބަރަކާތް ލައްވައި، އުޖާލާ މުސްތަޤުބަލަކާއި މަތިވެރި ކާމިޔާބީ މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.
