މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް20 ސެޕްޓެމްބަރ 2026


ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯއިން އެންގުމުން، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރ ޢާޒިމަށް ޕެޓިޝަނެއް ހުށަހަޅައިފި

މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައި ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ފުޑްކޯޓުތައް ހިންގަމުންދާ ވިޔަފާރިވެރިން މޭޔަރ ޢާޒިމްއާ ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

އެސްޓީއޯއިން މި ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ތަން ހުސްކުރުމަށް 90 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ކަމަށް ބުނެ، ފުޑްކޯޓްތައް ހިންގާފާރާތްތަކުންބުނެއެވެ. ނަމަވެސް، ކުއްލިއަކަށް ތަން ހުސްކުރަން އެންގުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން މޭޔަރ ޢާޒިމަށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ، ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ބޮޑު ގެއްލުމެއް ނުލިބޭނެ ފަދަ އިންސާފުވެރި ހައްލެއް މި މައްސަލައިގައި ހޯއްދަވައިދެއްވުމަށެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ މި ވިޔަފާރިތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ވަރަށް ގާތުން ބަލައި އިހުސާސްކުރާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް، މިކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މޭޔަރ ވަނީ ދެއްވާފައެވެ.