މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް20 ސެޕްޓެމްބަރ 2026


ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ވަސީލަތްތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް މޭޔަރ ޢާޒިމް އެދިވަޑައިގެންފި

މާލޭގެ އެކި ތަންތަނަށް ކުނި އުކާލުން ހުއްޓާލައި، ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ވަސީލަތްތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފިއެވެ.

މޭޔަރ ޢާޒިމް މިކަމަށް އެދިވަޑައިގަތީ ބައިނަލްއަޤްވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ސާފުކުރުމުގެ ދުވަހެވެ.

މި ދުވަހާ ގުޅުވައިގެން މޭޔަރ ޢާޒިމް ވިދާޅުވީ، އަޅުގަނޑުމެން ދިރިއުޅޭ މަގުތަކާއި، އަތިރިމަތިތަކާއި، އަވަށްތަކަކީ ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެލެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިއަހަރުގެ ޝިއާރު ކަމުގައިވާ "ސާފު ތަށިން، ސާފު ސިޓީއަކަށް" މި ޝިއާރުން ހަނދާންކޮށްދެނީ، އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބޭއްވުމުގެ އަސާސަކީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ކުރާ އަމަލުތަކާއި ނިންމާ ނިންމުންތައް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެކި ތަންތަނަށް ކުނި އުކާލުން ހުއްޓާލައި ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ވަސީލަތްތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފަމާ ހިނގާށެވެ. އަދި އަޅުގަނޑުމެން ދިރިއުޅޭ މަގުތަކާއި އަތިރިމަތިތަކާއި އަވަށްތަކަކީ ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެލެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ،" މޭޔަރ ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ވެރިރަށް މާލެ ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށާއި، އެންމެން އެކުވެގެން މި ސިޓީއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.