މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 23 ސެޕްޓެމްބަރ 2026


އެލްއީޑީ ސްކްރީންތައް ހަރުކުރުމާ ގުޅޭ ޤަވާއިދެއް އެކުލަވާލުމަށް ރެގިއުލޭޓްރީ ކޮމިޓީއަށް ފޮނުވައިފި

މާލެ ސިޓީގެ މަގުތަކަށް ވާގޮތަށް ހަރުކުރާ އެލްއީޑީ (LED) ސްކްރީންތައް ހަރުކޮށް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ޚާއްޞަ ޤަވާއިދެއް އެކުލަވާލުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ ރެގިއުލޭޓްރީ ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުންނެވެ.

މި މައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ވިދާޅުވީ، މަގުމަތީގައި މިފަދަ ސްކްރީންތައް ހަރުކުރުމަކީ މިހާތަނަށް އެއްވެސް އުޞޫލެއް އަދި ޤަވާއިދެއް ނެތި ކުރެވެމުންދާ ކަމެއް ކަމަށެވެ. އަދި މިހާރު ޢާންމުކޮށް މަގުތަކުގައި އެލްއީޑީ ސްކްރީންތައް ހަރުކުރަމުންދާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޚާއްޞަ އުޞޫލެއް އެކުލަވާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަބާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އުޞޫލުގެ ތެރޭގައި އެލްއީޑީ ސްކްރީންތަކުގެ އަލިކަން ހުންނަންވީ މިންވަރާއި، އެ ތަކެތި ބެހެއްޓޭނެ އުޞޫލުތަކާއި، އަދި ހަރުކުރެވޭ މިންގަނޑުތައް ބެލޭނެ ނިޒާމެއް ހިމަނަންޖެހެއެވެ. އެހެންކަމުން މިކަމާ ގުޅޭ އުޞޫލު އެކުލަވާލުމަށްޓަކައި ރެގިއުލޭޓްރީ ކޮމިޓީއަށް މި މައްސަލަ ފޮނުވުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެލްއީޑީ ބޯޑުތައް ބެހެއްޓުމުގެ ސަބަބުން، އޭގެ އަލިގަދަވެގެން ކައިރީގައި ހުންނަ ގޭގޭގެ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މީގެއިތުރުން، ދަންވަރުގެ ވަގުތުތަކުގައި އެލްއީޑީ ބޯޑުތަކުން އަޑުގަދަކޮށް އިޝްތިހާރުތައް އަޅުވާ މައްސަލައިގައި ވެސް ޢާންމުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ނިންމާފައިވަނީ ރެގިއުލޭޓްރީ ކޮމިޓީން މި މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު، އެލްއީޑީ ސްކްރީންތައް ހަރުކުރުމާއި ބެލެހެއްޓުމުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލުތަކެއް އެކަށައެޅުމަށެވެ.